އެހެން ޤައުމެއްގެ އަސްކަރިއްޔާ މިފަސްގަނޑުގައި ޤާއިމްވެ ތިބުމަށް ދިވެހިން އަބަދުވެސް ނުރުހޭނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އެންމެ ފުރަތަމަ ޤައުމުގެ ނަމުގައި އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ކުރަމުންދިޔަ އިހުތިޖާޖުތަކާއި ގުޅިގެން ޝިޔާމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ގެއްލޭފަދަ ކަމެއް ކުރާތަން ބަލަން ދިވެހި ރައްޔިތުން ނުތިބޭނެކަމަށެވެ. މިއަދުވެސް މަގުތަކުން ފެނިގެންދަނީ އެމަންޒަރުކަމަށާއި، ރައްޔިތުން މިފަސްގަނޑުގައި ބޭރުގެ އަސްކަރިއްޔާތަށް ތިބުމަށް ތާއީދު ނުކުރާނެކަމަށެވެ.
އެހެން ޤައުމެއްގެ އަސްކަރިއްޔާ މިފަސްގަނޑުގައި ޤާއިމްވެ ތިބުމަކީ އަބަދުވެސް ދިވެން ނުރުހޭ ކަމެއް. މިއަދުވެސް މަގުތަކުގައި އަޑު އުފުލަމުން ދަނީ މިކަމާއި ދެކޮޅަށް. އެއްވެސް ޤައުމެއްގެ އަސްކަރިއްޔާ މިޤައުމުގައި ދިގުމުއްދަތައް ތިބުމަކީ މިޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލަށް ހުރި ނުރައްކަލެއް.
– ޝިޔާމް ވިދާޅުވިއެވެ.
އުތުރު ތިލަފަޅު އެއްބަސްވުމާއި ގުޅިގެން ގިނަ ސުވާލުތަކެއް އިދިކޮޅު ފަރާތްތަކާއި ދިވެހި ރައްޔިތުންވެސް ކުރަމުންދާއިރު ސަރުކާރުން ބުނަމުންދަނީ އެއްބަސްވުމަކީ އެއްވެސް ނުރައްކަލެއް އޮތް އެއްބަސްވުމެއް ނޫންކަމަށެވެ. ނަމަވެސް އެއްބަސްވުން އާންމު ކުރުމަށް ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ. އިދިކޮޅު ފަރާތްތަކުން ވަނީ އެއްބަސްވުން އާންމު ކުރުމަށް ނޫނީ މަޖިލީހަށް ހުށަހަޅައިގެން މިކަން ވެފައިވާގޮތް ސާފު ކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.
އުުތުރު ތިލަފަޅު އެއްބަސްވުން އާންމުކުރުމަށް ގޮވާލައި މިއަދު ކުރި މުޒާހަރާގައި ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. އަދިވެސް އިދިކޮޅު ފަރާތްތަކުން ދަނީ މާލޭގެ މަގުތަކުގައި މުޒާހަރާ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ