މިވެރިންނާއި ހަވާކޮށްފަ ބަލަންތިބެންވީ، ނިމޭއިރު ހުރިހާކަމެއްވެސް ރަނގަޅުވާނެ: އާޒިމް

މިވެރިންނާއި ހަވާކޮށްފަ ބަލަންތިބެންވީ، ނިމޭއިރު ހުރިހާކަމެއްވެސް ރަނގަޅުވާނެ: އާޒިމް

Author
މުޙައްމަދު ޝަޒައިމް
19 މާރޗް 2021 07:06
0

މިއަދު ވެރިކަން ކުރަމުންދާ ކޯލިޝަނުން ދަނީ ވައުދަކަށްފަހު ވައުދެއް ފުއްދައި، ބުނިގޮތަށް ކަންކަން ކޮށްދެމުން ކަމަށާއި، ރައްޔިތުން ތިބެންވީ މިއަދު ވެރިކަން ކުރާ މީހުންނާއި ވެރިކަން ހަވާލުކޮށްފައި ބަލަން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ސަރވިސް ޗާޖު މައްސަލައިގައި ހައްލެއް ހޯދުމަށް ކުރަމުންދިޔަ މަސައްކަތަށް ނިމުންގެނެސް ޤާނޫނީ ބާރުވެރިކަން ދިނުމާއި ގުޅިގެން އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ އެމްޑީޕީން ވެރިކަމަށް އައުމުގެ ކުރިން އޮތް ވަރަށްބޮޑު ކަންބޮޑުވުމަކަށްވާއިރު، މިކަން ކޮށްދޭނެކަމަށް އެމްޑީޕީން ވައުދުވެފައިވާކަމަށެވެ. އަދި މިއަދު ރިސޯޓްވަޒީފާގައި ތިބި ދިވެހި އެތައް ރައްޔިތުންނަށް މިއާއިއެކު އިތުރު ހިތްހަމަޖެހުމެއް ލިބިގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ.

ލޭބަރ ރިލޭޝަންސް އޮޓޯރިޓީން އާންމުކޮށްފައިވާ ސަރވިސް ޗާޖާބެހޭ ޤަވާއިދު ބުނާގޮތުން ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ ތަންތަނުން ފޯރުކޮށްދޭ ކޮންމެ ޙިދުމަތަކުން %10 އަށްވުރެ މަދު ނޫން އަދަދަކުން ސަރވިސް ޗާޖު ނަގަންވާނެއެވެ. މި ޤަވައިދާއި އެއްގޮތަށް މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސަރވިސްޗާޖު ނަގަންޖެހޭނެއެވެ.

އާޒިމް ވިދާޅުވީ މިއަދު ވެރިކަން ކުރައްވަން ތިއްބެވި ބޭފުޅުންނަށް އިތުބާރު ކުރަންވީ މިސަބަބަށްޓަކައި ކަމަށެވެ. ވެރިކަން ކުރައްވާ ބޭފުޅުންނަކީ ވައުދު ވުމަށްފަހު އެވައުދުތައް ފުއްދައިދޭނެ ބައެއްކަން މިއަދު ފެންނަމުންދާ ކަންކަމުން ހާމަވާކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުން ކެތްތެރިކަމާއިއެކު މަޑު މަޑުން ތިބުމުން ވައުދުތައް ފުއްދެމުންދާތަން ފެނިގެންދާނެކަމަށް އާޒިމް ވިދާޅުވިއެވެ.

ވައުދުފުޅަކަށްފަހު ވައުދެއް މިއޮއްދަނީ ފުއްދެމުން. މިވެރިންނާއި ހަވާކޮށްފަ ބަލަންތިބެންވީ. ނިމޭއިރު ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.

– އާޒިމް ވިދާޅުވިއެވެ.

ސަރވިސް ޗާޖު ނަގާނީ ޓޫރިސްޓް ރިސޯޓްތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކާއި، ޓޫރިސްޓް ހޮޓާތަކާއި، ޓްރެއިނިންގ ރިޒޯޓުތަކާއި، ޓްރާންސިޓް ހޮޓާތަކާއި، ސިޓީ ހޮޓާތަކާއި، ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓް ރިޒޯޓްތަކާއި، ޔޮޓް ބަނދަރުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓްތަކާއި، ޕްރައިވެޓް އައިލެންޑްތަކުންނެވެ. އަދި މިފަދަ ތަންތަނުގައި ގާއިމްކޮށްފައިވާ ޑައިވިން ސްކޫލްތަކާއި ސެންޓަރުތަކާއި، ސްޕާ، ވޯޓަރ ސްޕޯޓްސް ފެސިލިޓީތައް، އެކްސްކާޝަން ހަރަކާތްތަކުން އަދި ކެފޭ/ރެސްޓޯރެންޓް/ކެންޓީންތަކާއި، އެ ތަންތަނުގައި ހިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ އެފަދަ އެހެން ތަންތަނުންވެސް ސާވިސް ޗާޖު ނަގަން ޖެހޭނެކަމަށް ގަވައިދު ބުނެއެވެ. އޭގެ ތެރޭގައި، ހިދުމަތް ފޯރުކޮށްދިނުމަށް އައުޓް ސޯސްކޮށްގެން، އެހެން ވިޔަފާރިއެއް މެދުވެރިވެގެން ދޭ ހިދުމަތްތައްވެސް ހިމެނޭނެކަމަށް ބުނެފައިވެއެވެ.

ޤަވާއިދު ބުނާގޮތުން މުވައްޒަފުންގެ މެދުގައި ސާވިސް ޗާޖް ބެހުމުގައި، މި ގަވާއިދާ ހިލާފުވެއްޖެނަމަ، ވިޔަފާރީގެ ކުޑަ ބޮޑު މިނަށް ބަލައި، އެއްލައްކަ ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މީގެ އިތުރުން ލޭބަރ ރިލޭޝަންސް އޮތޯރިޓީން އަންގާ އެންގުންތަކާއި ހިލާފުވެއްޖެނަމަ ފުރަތަމަ ފަހަރު 10000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން، އަދި ތަކުރާރުވާ ކޮންމެ ފަހަރަކު 50،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރާނެކަމަށް ޤަވައިދުގައި ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.