އަމްރިތާ ރާއޯގެ ދަރިފުޅު ވީރްގެ މޫނު ފެންނަ ފޮޓޯއެއް ފުރަތަމަ ފަހަރަށް ބެލުންތެރިންނާއި ހިއްސާ ކޮށްފި އެވެ.
މި ފޮޓޯއިން ވީރްގެ އިތުރުން އަމްރިތާ އަދި އޭނާގެ ފިރިމީހާ އާރްޖޭ އަންމޮލްވެސް ފެނިގެންދެ އެވެ. ލޯބިން ފުރިގެންވާ ނަޒަރަކުން މި ދެމަފިރިން ވީރް އަށް ބަލަން ތިބި މި ފޮޓޯއަށް ވަރަށް ގިނަ ބެލުންތެރިނގެ ސަމާލުކަމުގެ އިތުރުން ލޯބިވެސް ވަނީ ލިބިފައެވެ.
އިންސްޓަގްރާމުގައި މި ފޮޓޯ ހިއްސާ ކުރަމުން އަންމޮލް ޖަހާފައިވަނީ " އަހަރެމެންގެ ދުނިޔެ، އަހަރެމެންގެ އުފާވެރިކަން، ވީރް" މިހެންނެވެ.
މީގެ ކުރިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމަން އަމްރިތާ ވަނީ އަލަށް މަންމަ އަކަށް ވުމުން ލިބުނު ތަޖުރިބާގެ ވާހަކަ ބެލުންތެރިންނާއި ހިއްސާކޮށްފަ އެވެ. އެގޮތުން އޭނާ ބުނެފައިވަނީ ދަރިފުޅު ބަލާނެ އިތުރު މީހަކު ނުގެނެސް އަމިއްލައަށް ހުރިހާ ކަމެއް ކުރުމުން މިހާރު ހުރިހާކަމެއްވެސް ދަސްވެފައިވާކަމަށެވެ. އަދި އަންމޮލްވެސް އެނާގެ ޑިއުޓީ ވަރަށް ރަނގަޅަށް އަދާ ކުރާ ކަަމަށްވެސް އަމްރިތާ ވަނީ ބުނެފައެވެ.
އިތުރަށް ވާހަކަ ދައްކަމުން އަމްރިތާ ބުނެފައިވަނީ މަންމައަކަށް ވުމަކީ އެނާގެ ހަޔާތުގައިވެސް އަދާ ކުރަންޖެހުނު އެންމެ އުދަގޫ ރޯލެވެ. ގިނަ ރޭރެ ހަމަ ނިދި ނުލިބުމާއި އެކުވެސް އަނެއް ދުވަހު ހަމަ ދަރިފުޅުގެ ކަންތައްތައް ކުރުމުގައި ދެމިހުންނަން ޖެހޭ ކަމަށާއި މިހާރު އަމިއްލަ ނަފްސަށްވުރެވެސް ބޮޑަށް އިސްކުރެވެނީ ދަރިފުޅުގެ ކަންތައްތައް ކަމުގައި އަމްރިތާ ވަނީ ބުނެފައެވެ.
އެންމެ ފުރަތަމަ އަމްރިތާ ބޮލީވުޑުން ފެނިގެން ގޮސްފައިވަނީ 2002 ވަނަ އަހަރު "އަބް ކެ ބަރަސް" މި ފިލްމުންނެވެ. މީގެ އިތުރުން މަސްތީ، މޭ ހޫނާ، ވިވާހް އަދި ވެލްކަމް ޓު ސައްޖަންޕޫރް ފަދަ ފިލްމު ތަކުން އަމްރިތާ ވަނީ ފެނިގެންގޮސްފައެވެ. 2013 ވަނަ އަހަރުން ފެށިގެން ފިލްމީ އުދަރެހާ ދުރުގައި ހުރުމަށްފަހު 2019 ވަނަ އަހަރު ހިންދީ ފިލްމު "ތަކެރީ" އިން އަމްރިތާ އަނެއްކާ ވަނީ ފިލްމީ ދާއިރާއަށް އަނބުރާ އައިސްފަ އެވެ.