ޖިންސީ ތުހުމަތުކުރެވޭ ގައްދޫ ކެނޑިޑޭޓް މައްސަލަ ބަލައި ފިޔަވަޅު އަޅާނެ: އިދިކޮޅު

ޖިންސީ ތުހުމަތުކުރެވޭ ގައްދޫ ކެނޑިޑޭޓް މައްސަލަ ބަލައި ފިޔަވަޅު އަޅާނެ: އިދިކޮޅު

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2021 09:29
0

ޕީޕީއެމްގެ ކެނޑިޑޭޓެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލަ ބަލައި، އެ ޕާޓީގެ ފަރާތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެޕާޓީން ބުނެފިއެވެ.

ޕީޕީއެމްއިން ބުނެފައިވަނީ އަންނަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޕީ.ޕީ.އެމް ގެ ފަރާތުން ގދ. ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރާ ކެންޑިޑޭޓުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ޖިންސީ ގޯނާގެ މައްސަލަ އެކޯލިޝަންގެ ސަމާލުކަމަށް  އައިސްފައިވާކަމަށެވެ. މި މައްސަލައިގެ ޙަޤީޤަތް ހޯދައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ބަލަން ޖެހޭ އެންމެހާ ބެލުންތައް ޤާނޫނީ ޓީމުން ބަލަމުންދާކަމަށް އެކޯލިޝަނުން ވަނީ ބުނެފައެވެ.

އިދިކޮޅު ކޯލިޝަނުން ބުނެފައިވަނީ ކުށެއްގެ ތުހުމަތުގައި މީހަކު ބަންދު ކުރުމަކީ އެ މީހަކަށް އިންތިޚާބެއްގައި ވާދަ ނުކުރެވެންވީ ސަބަބެއް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް މީޑިއާތަކަށް ކަށަވަރުކޮށްދީފައިވާކަމަށެވެ. އެހެންނަމަވެސް ޖިންސީ ގޯނާގެ މައްސަލަތަކަކީ އަވަސް މުއްދަތެއްގެ ތެރޭގައި ބެލި ގޮތެއް ނިމެންޖެހޭ މައްސަލަތަކެއްކަމަށް އަބަދުވެސް ދެކޭކަމަށެވެ.

އެއްވެސް މީހަކު ކުރާ ޖިންސީ ގޯނާއާއި ފުރައްސާރަތަކަކީ،  އެއްވެސް އިރެއްގައި އެ ޕާޓީއިން ތަރުހީބު ދީ ބަލައިގަންނާނޭ ކަމެއް ނޫންކަމަށާއި، އަދި އެފަދަ މައްސަލަތައް އެންމެ ހަރުކަށި އިބާރާތުން ޕީޕީއެމުން އަބަދުވެސް ކުށްވެރިކުރާކަމަށް އެކޯލިޝަނުން ބުނެއެވެ.

"މިއީ މަގޭ ރާއްޖެ" ތަސައްވުރުގެ އެންމެ މުހިންމު އެއް އަސާސަކީ އަމާން ދިރިއުޅުމެއް ގާއިމްކޮށްދިނުން. ހާއްސަގޮތެއްގައި ކުޑަކުދިންނަށް ރައްކާތެރި، އަންހެނުންނަށް އޯގާތެރި، އިސްރަށްވެހިންނަށް ކުލުނުވެރި މުޖުތަމައެއް ބިނާކުރުން.

އެހެންކަމުން މިމައްސަލައިގައި ތުޙުމަތު ކުރެވިފައިވާ ފަރާތުގެ މައްސަލަ ބަލައި އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަޤީންކަން ވަނީ ދީފައެވެ. އަދި މިމައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި ވީ އެންމެ އަވަހަކަށް ފައިސިލާ ކުރަނިވި ނިންމުމެއް ނިންމައިދިނުމަށްވެސް ކަމާ ބެހޭ ފަރާތްތަކަށް އެޕާޓީން ވަނީ ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.