ދިފާޢީ ބާރަށް އަމާޒުކޮށް އިތުބާރާއި އިޙްތިރާމާއި ޤަދަރު ނަގާލުމަށް ފުރުޞަތު ނުދޭނެ ކަމުގައި ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.
ސިފައިންގެ ޖެނެރަލުން ރިޝްވަތު ނެގިކަމަށް އޭސީސީއަށް މިއަދު މައްސަލަ ހުށަހެޅުމާއި ގުޅިގެންނާއި، ސިފައިންގެ އިސްވެރިންނާއި ގުޅޭގޮތުން ކުރެވޭ ތުހުމަތުތަކަށް ރައްދު ދެއްވައި ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް އަމާޒުކޮށް، ހަޤީޤަތާ ޚިލާފް ޕްރޮޕެގެންޑާ ފަތުރާ، ރިޝްވަތުގެ ހުތުރު އިލްޒާމް އަޅުވާ، ޒަމާނުއްސުރެ ދިވެހި އަސްކަރިއްޔާއަށް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި އިޙްތިރާމާއި ޤަދަރު ނަގާލުމަށް ކުރަމުންގެންދާ މަސައްކަތަށް ފުރުޞަތު ނުދޭނެ ކަމުގައެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ނަގަހައްޓާ ލޮބުވެތި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަތިވެރި ޒިންމާ ކޮނޑުގައި އަޅުއްވައިގެން ތިއްބެވި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އިސް އޮފިސަރުންގެ އަގު ވައްޓާވާ، އެ ބޭފުޅުންނަކީ އެ ބޭފުޅުން ކުރައްވައިގެން ތިއްބެވި މަތިވެރި ހުވަޔާއި ޚިލާފުވާނެ ބައެއްގެ ގޮތުގައި ދައްކައި، ޒިންމާދާރު މީޑިއާއަކުން ނުކުރާނެފަދަ ދަށުދަރަޖައިގެ ހަޑިހުތުރު ޢަމަލުތައް ބައެއް މަދު މީޑިއާތަކުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ކުރަމުންގެންދާ ގެންދިއުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާކަމަށެވެ.
ދިވެހި އަސްކަރިއްޔާގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ޤައުމީ ޚިދުމަތުގައި އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު އެތައް އަހަރުތަގެއްގެ އަގުހުރި ޚިދުމަތްތަކެއް މި ޤައުމަށާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ، ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރާއި އިޙްތިރާމް ލިބިގެންވާ ބޭފުޅުން ކަމުގައި މި ބަޔާނުގައި ބުނެފައިވެއެވެ.
އިތުރު ތިލަފާޅާއި ގުޅިގެން އެއްބަސްވުން ހާމަކުރުމަށް ދެކޮޅު ހަދަމުންދާތީ އެކަމަށް ފާޑުކިޔައި ބައެއް ފަރާތްތަކުން ދަނީ އެމްއެންޑީއެފްގެ އިސް ބޭފުޅުންނަށް އަމާޒުކޮށް، އެކި ތުހުތުމަތުތައް ކުރަމުންނެވެ. ނަމަވެސް ސިފައިން ބުނެފައިވަނީ މިއެއްބަސްވުމަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެއްވެސް ވަރަކަށް ނުރައްކަލެއް ނެތް އެއްބަސްވުމެއްކަަމަށެވެ.
އަދި ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށް ގެއްލުންހުރި ކަމަށް ސިފައިން ޖާގަ ނުދޭނެކަމުގެ ޔަގީންކަން ސިފައިންގެ ޖެނެރަލުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ