ގއ. މާމެންދޫގައި ވަރުގަދަ ގްރޫޕް މާރާމާރީއެއް ހިންގައި 17 އަހަރުގެ އަހުމަދު އުދައްޔު މަރައިލި މައްސަލައިގައި ތިން މީހަކާއި 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.
މި މައްސަލައާއި ގުޅިގެން 3 މީހަކާއި 18 އަހަރު ނުފުރޭ ކުއްޖެއްގެ މައްޗަށް ދަޢުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިމަހުގެ 8 ވަނަދުވަހުއެވެ.
ފުލުހުން ބުނީ އެމައްސަލައިގެ ތަހުގީގު ނިންމައިލުމަށްފަހު އެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މިމަހުގެ އަށް ވަނަ ދުވަހު ޕީޖީގެ އޮފީހަށް ފޮނުވައިފައި ވާނެ ކަމަށެވެ. އުދައްޔު މަރައިލި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާނެ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފަ އެވެ. އެއީ 27 އަހަރުގެ މީހަކާއި 23 އަހަރު އަދި 18 އަހަރުގެ މީހެކެވެ.
ގއ.މާމެންދޫގައި ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީގައި އެރަށު ލީލީ އޮފް ދިވެލީ ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔުގެ ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާކަމަށާއި 4 ނުވަތަ 5 އިންޗި ފުނަށް ވަޅި ހަރައި ޒަޚަމްކޮށްލާފައިވާ ނިޝާންތައްވެސް ހުރިކަމަށް ގއ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ. އުދައްޔު ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށާއި ވަޅި ހަރާފައިވަނީ ވަރަށް ފުނަށް ކަމުން ހަށިގަނޑުގެ މައި ގުނަވަންތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަންވެސް ޑޮކްޓަރުން ހަވާލާދީ ގއ.އަތޮޅު ހޮސްޕިޓަލުން ވިދާޅުވެފައިވެއެވެ.
އުދައްޔު ވަޅުލާފައިވަނީ އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހެދުމަށްފަހުއެވެ.
ކޮމެންޓު ފޮނުވާ