ކުޑަހުވަދޫއަށް މިދިޔަ މަހުގެ 26 ގެ ފަހުން ދިޔަ މީހުން ކަރަންޓީނުވެ ޓެސްޓްކުރުމަށް އަންގައިފި

ކުޑަހުވަދޫއަށް މިދިޔަ މަހުގެ 26 ގެ ފަހުން ދިޔަ މީހުން ކަރަންޓީނުވެ ޓެސްޓްކުރުމަށް އަންގައިފި

Author
މުޙައްމަދު ޝަޒައިމް
17 މާރޗް 2021 08:52
0

ކުޑަހުވަދޫއަށް މިދިޔަ މަހުގެ 26 ގެ ފަހުން ދިޔަ މީހުން ކަރަންޓީނުވެ ޓެސްޓްކުރުމަށް އަންގައިފިއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ދ. ކުޑަހުވަދޫއިން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، 26 ފެބްރުއަރީ 2021 ގެ ފަހުން ދ.ކުޑަހުވަދޫގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތް ސެންޓަރަށް އެންގެވުން އެދޭކަމަށެވެ. އަދި މިތާރީޚްގެ ފަހުން ދ. ކުޑަހުވަދޫއަށް ގޮސްފައިވާ ފަރާތެއްވާނަމަ، ކުޑަހުވަދޫއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށް ވަނީ އެދިފައެވެ. އަދި އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން މިފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސަވާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ..

26 ފެބްރުއަރީ 2021 ގެ ފަހުން ދ. ކުޑަހުވަދޫއިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެންގެވުމަށް ވަނީ އަންގާފައެވެ. އަދި ނަތީޖާ ނެގެޓިވްވި ކަމުގައި ވިޔަސް ކުޑަހުވަދޫއިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 14 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށާއި، އެރަށަށް ކުރެއްވި ދަތުރުގެ މައުލޫމާތު 1676އަށް ހިއްސާކުރެއްވުމަށް އެޗްޕީއޭއިން އެދެއެވެ.

ދ.ކުޑަހުވަދޫއިން ޕޮޒިޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން އެރަށް މޮނީޓަރިންގެ ޙާލަތަކަށް ގެނެސްފައެވެ. އެރަށް މޮނިޓަރިންއަށް ލާފައިވަނީ ކުޑަހުވަދޫ އެއަރޕޯޓުގައި މަސައްކަތްކުރާ 6 މުވައްޒަފަކު ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެންކަމަށެވެ. މި 6 މީހުންގެ ޓެސްޓު ހަދާފައިވަނީ ހުމާއި ރޯގާގެ އަލާމާތްތައް ފެނުމާއި ގުޅިގެން ކަމަށް އެޗްއީއޯސީން ވިދާޅުވެއެވެ. މިކޭސްތަކާއި ގުޅިގެން މިވަގުތު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާތީ އެރަށްވަނީ މޮނީޓަރިންގެ ޙާލަތަކަށް ގެނެވިފައެވެ. މިޙާލަތުގައި އެރަށަށް އަރާ ފޭބުމަކީ މަނާކަމެކެވެ.

ކޯވިޑް-19ގެ ކޭސްތަކެއް ފެނުމާއި ގުޅިގެން މޮނިޓަރިންގއަށް ލާ ރަށްރަށުގައި މީހުން އެއްގެއިން އަނެއް ގެއަށް ދިއުމާއި ޖަމާޢަތުގައި ނަމާދުކުރުން ވަގުތީގޮތުން ހުއްޓާލަންޖެހެއެވެ. އަދި ރައްކާތެރިކަމަށްޓަކައި ޒަރޫރީ ބޭނުންތަކުގައި ބޭރަށްދާނަމަ މާސްކު އަޅަންޖެހެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.