މިދިޔަމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތައް ލިބުނު އާމްދަނީ 15 އިންސައްތަ ދަށްވެފައިވާކަމަށް ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މޯލްޑިވްސް ކަސްޓަމް ސަރވިސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބިފައިވަނީ 256 މިލިއަން ރުފިޔާއެވެ. 2020 ވަނަ އަހަރުގެ ފެބުރުއަރީމަހު މިއަދަދު އުޅުނީ 300 މިލިއަނުގައެވެ.
އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާމްދަނީ ދަށްވެފައިވާއިރު މިދިޔަ މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ އަދަދުވެސް ވަނީ ދަށްވެފައެވެ. މި އަހަރުގެ ފެބުރުއަރީ މަހު 2.9 ބިލިއަން ރުފިޔާގެ މުދާ ވަނީ ރާއްޖެއަށް އިމްޕޯޓްކޮށްފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ފެބުރުއަރީމަހުގައި ރާއްޖެއަށް 3.3 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކައެވެ. އެހެންކަމުން މިއީ 15 އިންސައްތައިގެ ދަށްވުމެކެވެ.
ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ ޔޫ.އޭ.އީ، ޗައިނާ އަދި އޮމާނެވެ. ޔޫ.އޭ.އީ އިން 407 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަވާއިރު ޗައިނާ އިން 35 މިލިއަން ރުފިޔާގެ މުދާ އަދި އޮމާނުން 339 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.
ކޮމެންޓު ފޮނުވާ