ދުނިޔޭގެ ޤައުމުތަކުގެ ވެރިން ދިގު މުއްދަތެއް ވަންދެން ވެރިކަން ކުރެއްވުމަކީ މިޒަމާނުގައި އެހާ އާންމުކަމެއް ނޫނެވެ. އެހެންނަމަވެސް، އެއީ ޚާއްސަ ގޮތެއްގައި ކުރީގެ ޒަމާންތަކަށް ނިސްބަތްވީ ސަގާފަތެއްގެ ގޮތުގައި ސިފަކުރެވުނު އާދައަކަށްވިޔަސް، ޑިމޮކްރަސީއަށް މުޅި ދުނިޔެ ފައްކާވަމުން މިދާ ޒަމާނުގައިވެސް، ވެރިންގެ މުށުތެރޭގައިވާ ޤައުމުތައް ތިބިކަން ފާހަކޮށްލަން ޖެހެއެވެ. ހަމައެއާއިއެކު ފާހަގަ ކޮށްލަން ޖެހޭކަމަކީ، މިގޮތަށް ރައްޔިތުންގެ މައްޗަށް އެތައް އަހަރެއް ވަންދެން ހަންފެތުރުމުގެ ކުޅާދާނަކަން ލިބިގެންދިޔަ ވެރިން ވެރިކަން ކުރީ ގިނަފަހަރަށް ވާރުތަވަމުން އައި ރަސްކަންތައް ހިގަމުން އަންނަ ޤައުމުތަކުގައި ކަމެވެ. ޑިމޮކްރސީތައް ތައާރަފް ވެގެން ގޮސްފާއިވާ ގައުމުތަކުގައި، ވެރިން ވެރިކަން ކުރުމަށްފަހު އަމިއްލަ ދިރި އުޅުއްވުމަށް، ނުވަތަ މުޖުތަމަޢަށް ފައިދާހުރި މަސައްކަތެއްގެ ތެރެއަށް ވަޑައިގެންފައިވާ މަންޒަރުވެސް މިއަދު ފެންނަމުންދާލެއް މަދެއްވެސް ނޫނެވެ.
އަޅުގަޑުމެންނަކީވެސް 2008 ވަނަ އަހަރު އައު ޤާނޫނު އަސާސީއެއް ބަލައިގަނެ، ވެރިކަން ހިންގާނެ ނިޒާމެއްގެ ގޮތުގައި ރިޔާސީ ނިޒާމް ބަލައިގެންފައިވާ ޤައުމެކެވެ. މިރާއްޖޭގައި ކޮންމެ 5 އަހަރަކުން އައު ރައީސަކު އިންތިޚާބު ކުރެވި، އަދި ދެދައުރަށްވުރެ ދިގު މުއްދަތަކަށް ވެރިކަން ނުކުރެވޭ ގޮތަށް ޤާނޫނު އަސާސީގައި ލިޔެވި ބަޔާން ވެގެންވެއެވެ. ޙަޤީޤީ ބޭނުމަކީ މުޅި ދުނިޔޭގައިވެސް ހެދި ބޮޑުވަމުންދާ ޑިމޮކްރަސީގެ އަސާސްތަކާއި އެއްގޮތަށް ދިވެހި ރާއްޖޭގެ ވެރިކަމުގެ ވައްޓަފާޅިވެސް ބަދަލުކޮށް، އަދި އެކެއްގެ މުށުތެރެއަށް ބާރުތައް ޖަމާވެގެންދިޔަ ނުދިނުމެވެ. ވެރިކަމުގައި އެއްފަރުދަކު ދިގު ޒަމާނަތަކަކަށް ހުންނަން ޖެހިއްޖެނަމަ، ރައްޔިތުންގެ މައްޗަށް ޚުދުމުޚުތާރުކަން ވެރިވުމާއި އަދި، ވެރިކަމުގަ ޖާހަތައް ދަހިވެތިވެ، އިންސާފާއި ހަމަހަމަކަން ގެއްލިދިއުމުގެ ފުރުޞަތު އެފަދަ ޙާލަތެއްގައި އިންތިހާއަށް އޮންނާނެތީއެވެ. އަދި ނަތީޖާއަކަށް ވެގެންދަނީ، ޤައުމުގެ ހަމަޖެހުން ގެއްލި، ރައްޔިތުން ޙައްޤުތައް ހޯދުމަށް ނިކުމެ، ދެކޮޅުވެރިކަމާއި ބޭއިންސަފާއި ތަޅާފޮޅުން ޤައުމުގައި އާންމުވެގެން ދިއުމެވެ.
ކޮންމެއަކަށް، އިސްވެ ދެންނެވުނު އަސާސްތައް އެގޮތުގައި ހުރިނަމަވެސް، 2008 ގައި އަޅުގަޑުމެން ބަލައިގެންފައި އޮތް ޤާނޫނު އަސާސީގެ ރޫހުގައި މިރާއްޖޭގައި ވެރިކަން ކުރެވޭތޯ، އަދި ތިއްބެވި މަދު ސިޔާސީ ލީޑަރުންގެ މަސައްކަތުން މިރާއްޖޭގައި ޤާއިމްވެގެން ދިޔައީ ސުލްޙަވެރިކަންތޯ ނުވަތަ ނޫންތޯ މިއީ މިއަދުވެސް ކޮށްލުން އެންމެ ރަގަޅު ސުވާލެކެވެ.
ޚާއްސަކޮށް ރާއްޖެފަދަ ކުދި ޤައުމުތަކުގައި ރައްޔިތުން "ވަޖިދު" ވައްދުވައިގެން ރައްޔިތުންގެ ނިކަމެތިކަމުގެ ނާޖާއިޒު ފައިދާ ނެގުމުގެ ޝައުގުވެރިކަން ސިޔާސީ ލީޑަރުންގެ ކިބައިގައި ހުރިކަން މިއީ ފެންނާން އޮތް ޙަޤީޤަތެކެވެ. އަޅުގަޑުމެންނަށް އެންމެ ގާތުން ފެންނާން އޮނާނެ ޙަޤީޤަތަކީވެސް ދިވެހި ރާއްޖެއެވެ.
އެންމެ ފުރަތަމަ ރައީސް މައުމޫނުގެ 30 އަހަރުގެ ވެރިމަވެ. އެވެރިކަމުގައި އޮތީ އެންމެ ބާރެކެވެ. އެއީ ރައީސުލްޖުމުހޫރިއްރާގެ ބާރެވެ. ޝަރީޢަތް ކުރަނީވެސް، ޤާނޫނު ހަދަނީވެސް، ވެރިކަން ހިންގަނީވެސް، ރައީސުލް ޖުމްރިޔާގެ އަމުރު މައޫރޫފުގެ ދަށުންނެވެ. އެ ނިޒާމުގައި 30 އަހަރު ފާއިތުވެ ދިޔައެވެ. ރައްޔިތަކަށް ސިޔާސީގޮތުން ހިންދެމިލާކަށް، ހަމަނޭވާއަށް ލާކަށް ޖާގައެއް ނުދެއެވެ. އެހެންނަމަވެސް، މުޅިގައުމެއްގެ އާބާދީ އެނޫންގޮތެއް ބޭނުންވުމުން، ޑިމޮކްރަސީ ތަޢާރަފްކުރަން މަޖުބޫރުވެ ޑިމޮކްރަޓިކް ނިޒާމެއް ތަޢާރަފް ވެގެން ދިޔައީއެވެ. އެހެންނަމަވެސް، 30 އަހަރު ދުވަހު ޤައުމުގައި ވެރިކަން ކުރެއްވި ބޭފުޅާ އަތުގައި އޮތް ސިޔާސީ މުގޫ އެހެން ބޭފުޅަކާ ހަވާލު ކުރައްވާކަށް ބޭނުންފުޅެއް ނުވިއެވެ. އެއްޕާޓީ އަތުން ދޫވެދިއުމުން އެނެއް ޕާޓީ އުފައްދަވާއިގެންވެސް، ބޭނުންފުޅުވަނީ އަދިއަދަށް ދާންދެންވެސް ވެރިކަމުގެ ބާރުތަކެވެ. ޒުވާން ލީޑަރުން އުފެދި، ބަސްކިޔާ، ލީޑް ކުރާކަށް ފުރުޞަތެއް ނުދެއްވައެވެ.
ރައީސް މައުމޫނުގެ 30 އަހަރަށްފަހު ރައީސް ނަޝީދު ވެރިކަމަށް ވަޑައިގަތީއެވެ. ވެރިކަން ކުރެއްވުމަށްފަހު، އާ ލީޑަރޝީޕަކާއި ޤައުމުގެ ހުންގާނު ހަވާލުކުރެވުމަށް އެއްވެސް މަސައްކަތެއް ނުކުރެއްވިއެވެ. ކުރެއްވިހާވެސް ކަމަކީ، އަމިއްލަ ޕާޓީގެ ނަންދިރުވާ، ސިޔާސީ އެކްޓިވިސްޓުން މަތީ މަޤާމްތަކަށް ގެނެސް، ވެރިކަމަށް ފަހުންވެސް އެމަނިކްފާނު ނޫން މީހަކަށް ވެރިކަމަށް ނާދެވޭނެހާ މަގެއް ފަހިކުރެއްވުމެވެ. ވެރިކަމަށް ވަޑައިގެންނެވިތާ 3 އަހަރުފަހުން ވެރިކަން ވެއްޓިގެން ދިއުމަށްފަހުވެސް، ޤައުމުގެ ޙާލަތު ބަދަލުވެގެންދާނީ، އައު ވިސްނުމަކުންކަމެއް ޤަބޫލު ކުރެވުމުގެ ބަދަލުގައި، ކުރިޔަށް އައިހައި އިންތިޚާބެއްގައި ވާދަކުރެއްވިއެވެ. ނުވަތަ ވާދަކުރައްވާން މަސައްކަތް ކުރެއްވިއެވެ. މިއަދު މަޖިލިސް ރައީސްކަން، ޖޭއެސްސީގެ މެމްބަރުކަން، އެމްޑީޕީގެ ރައީސްކަން ކުރައްވަމުން ގެންދަވަނީވެސް ހަމަ އެމަނިކުފާނެވެ.
އިދިކޮޅު ޕާޓީ ޕީޕީއެމްގެވެސް އަދުގެވެސް ވައުދަނީ ރައީސް ޔާމިން ވެރިކަމަށް އަލުން ގެންނެވުމެވެ. އެޕާޓީގައިވެސް ސިޔާސީ މީހަކަށް ދިރުމެއް އޮތީ ރައީސް ޔާމިންއަށް ޝުކުރާއި ސަނާ ކީމިންވަރެއްގެ މައްޗަށެވެ. ޕާޓީގެ ލީޑަރޝިޕްވެސް ވާށާ ޖަހަމުންދަނީ އެންމެ ފަރުދެއްގަ ވަށައިގެންނެވެ.
ދެން ހުންނެވީ އޮނަރަބަލް ގާސިމް އިބްރާހީމެވެ. އެމަނިކްފާނުގެ ސިޔާސީ ޕާޓީގެ ބޭނުން ކުރައްވައިގެން، ވިޔާފާރި ކުރިއެރުއްވުމަށްޓަކާ މަސައްކަތް ކުރެއްވުމުގެ އިތުރު އަދިވެސް ދެކެވަޑައިގަންނަވަނީ ވެރިކަމަށް ވަޑައިގެންނެވުމުގެ ހުވަފެން ފުޅެވެ. އެތައްފަހަރަކު ވާދަކުރައްވައިފި މެއެވެ. އަދިވެސް މަރުފަލި ޖައްސަވަނީ އެމަގާމަށެވެ. އާވިސްނުމަކަށް، އާ ހަކަތައަކަށް ފުރުސަތެއްނެތެވެ.
މިއަދު ޤައުމަށް ހެވެއް ނުލިބޭކަމުގެ ވާހަކަތަކާއި، ޤައުމުގެ ޙާލަތު ބަދަލު ވަމުން ނުދާކަމުގެ ވާހަކަ ދައްކާއިރު، ފާއިތުވެދިޔަ ބައި ޤަރުނެއްހާ ދުވަސް އަޅުގަޑުމެން މިހޭދަކުރީ ތިން ހަތަރު ލީޑަރެއްގެ އަތްމައްޗަށް މުޅި ޤައުމު ދޫކޮށް، އައްޔަކަސް އަދިރިއަކަސް ވާނީ އެއްވަރެކޭ ކިޔާލަ ކިޔާލަ ތިބެގެންކަން އަޅުގަޑުމެން އެބަ ދަންނަމު ބާވައެވެ. ޑިމޮކްރަސީގެ ނިޒާމު ދެމިއޮވެމެ، އެމެރިކާފަދަ ޤައުމުތައް ކުރިއަރައިގެން ދިޔައީ އެޤައުމުތަކުގެ ވެރިން ވެރިކަމުގައި ބަގުޑި ނުބައްދާ، އާވިސްނުންތަކަށް ޖާގަ ދިނުމުގެ ސަބަބުންނެވެ. އާ ލީޑަރުންތައް އަބަދުވެސް އުފެދި އުޖާލާވެގެން ދާން ފުރުޞަތު ދިނުމުގެ ސަބަބުންނެވެ.
އަޅުގަޑުމެންގެ ޙާލަތަކީ މިއީތޯއެވެ. ޤާނޫނު އަސާސީގައި ވެރިންކަން ކުރަންޖެހޭ މުއްދަތު ބަޔާންކޮށްފަ އޮވެމެ، އަދިވެސް އަޅުގަޑުމެން މަސައްކަތް ކުރަންޖެހިފަ މިތިބީ އިސްވެ ދެންނެވުނު ދެތިން ހަތަރު ލީޑަރުންގެ ވެރިކަމުގެ ޖާހަތު މަތިކޮށްދިނުމަށް ބެރު ޖެހުމުގައެވެ. މި ތިން ހަތަރު ސިޔާސީ ލީޑަރުން މެނުވީ އިންތިޚާބެއްގައިވެސް ވާދަކޮށްލާނެ ފަދައެއް، ހަކަތައެއް ނެތި ދެމިތިބޭތާ ބައިގަރުނު ފައިތުވެ ދިޔައީއެވެ. އަދި މިއިން ލީޑަރަކު އާލީޑަރޝިޕްތައް ވުޖޫދުވެގެން އަޔަ ނުދޭނެކަންވެސް މި ލީޑަރުންގެ ޕާޓީތަކުގެ ތެރޭގައި ކޮށްފައި ހުރި ޚުދުމުޚްތާރު މަސައްކަތްތަކުން ވަރަށް ބޮޑަށް ސާފެވެ.
އެހެންކަމުން، ޤައުމަށް ހަމަޖެހުމާއި އާރޯކަން އަންނާނީ ޤައުމުގެ "ލޭ" ބަދަލުކުރެވިގެން ކަމުގައިވެސް ޤަބޫލުކުރަން ވީއެވެ. ދައުރުތައް ބަދަލު ވެގެންދިއުމަކީ މީގެ އެންމެބޮޑު އަސާސެވެ. ބައި ޤަރުނު ފާއިތުވެގެންދާއިރު، ފަހަތަށް އެބުރި ބަލާލަމާތޯއެވެ. ޙަޤީތަކީ މުޅި ޤައުމު މިއޮތީ އެގޮތް މިގޮތަށް މޮޑެ، އިސްވެދެންނެވުނު މަދު ސިޔާސީ ލީޑަރުން ބޭނުންހާ ބައްޓަމެއް އެއަށް ގެނެސްފައެވެ. މިނޫން ދުވަހެއް ޤައުމަށް އަތުވެގެން މެނުވީ ޤައުމުގެ ޙާލަތު ބަދަލެއް ނުކުރެވޭނެއެވެ. އެދުވަހެއް ޤައުމަށް ފެންނާން އޮތީ ކަށިން ހިންވަރު ނެރެގެން އާވިސްނުމަކަށް ގޮސްގެން ކަމުގައި މިއަދު ޤަބޫލުކުރަންޖެހެއެވެ.