ސަލްމާން މިސްކިތަށް ރައީސް ޔާމީން ޚާއްޞަކުރި މަޤްޞަދު ދެމެހެއްޓުން މުހިންމު: ޑރ.ޝަހީމް

ސަލްމާން މިސްކިތަށް ރައީސް ޔާމީން ޚާއްޞަކުރި މަޤްޞަދު ދެމެހެއްޓުން މުހިންމު: ޑރ.ޝަހީމް

Author
މުޙައްމަދު ޖިމީ
13 މާރޗް 2021 04:10
0

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން މާލޭގައި ބިނާކުރި ކިންގް ސަލްމާން މިސްކިތުގެ މަޤްޞަދު ނުގެއްލޭނެގޮތަށް އެތަން ދެމެހެއްޓުން މުހިންމުކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރ އަދި އިދިކޮޅު ޕީޕީއެމްގެ އެޑްވައިޒަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ކިންގް ސަލްމާން މިސްކިތް އަންނަ ރޯދަމަހު ބޭނުންކުރަން ފެށޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިދިޔަ ބުދަ ދުވަހު ވަނީ ވިދާޅުވެފައެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ބިނާކުރަން ފެށި އެމިސްކިތް ސަރުކާރު ބަދަލުވިއިރު ބޮޑުބައެއް އޮތީ ނިމިފައެވެ. ނަމަވެސް ސަރުކާރު ބަދަލުވެ، މި ސަރުކާރުގެ ދައުރު ދެބައި ވީއިރުވެސް މިސްކިތް ހުޅުވިފައި ނުވާތީ ވަރަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އެތަން ރައީސް ޔާމީންގެ ސަރުކާރުން ފެށުމަށް ނިންމި ޚިދުމަތްތަކާއި މަޤްޞަދު ގެއްލޭގޮތަށް މިސަރުކާރުން ޢަމަލުކުރާކަމުގެ ތުހުމަތުތަކެއްވެސް ވަނީ ސަރުކާރަށް އަމާޒުވެފައެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ކޮންގް ސަލްމާން މިސްކިތް ރައީސް ޔާމީން ޤާއިމްކުރެއްވީ ޤުރުޢާނާބެހޭ މަރުކަޒުގެ ދާޢިމީ ޢިމާރާތެއްގެ ގޮތުގައިކަމަށެވެ. އަދި ޤުރުއަނުގެ ޢިލްމު ރާއްޖޭގައި ފަތުރަން ބޭނުންވާ ފުރިހަމަ ވަސީލަތްތަކާ އެކުކަމަށާއި، އެހެންކަމުން އެ މަޤްޞަދު ޙާސިލްވާނެގޮތުގެ މައްޗަށް އެތަން ދެމެހެއްޓުން މުހިންމުކަމުގައި ދެކެވަޑައިގަންނަވާކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދުގެ އެހީގެ ދަށުން ބިނާކުރި "ކިންގް ސަލްމާން" މިސްކިތް ބިނާކުރުމުގެ މަސައްކަތް ފެށީ 2017ވަނަ އަހަރުގައެވެ. ފަސް ފަންގިފިލާއަށް ފަރުމާކޮށްފައިވާ ކިންގް ސަލްމާން މިސްކިތުގައި ނަމާދުކުރުމަށް ޚާއްސަ ބައެއްގެ އިތުރުން، އިސްލާމީ މަރުކަޒަކުން ލިބޭނެ ގިނަ ޚިދުމަތްތަކެއް ވަނީ ޤާއިމުކޮށްފައެވެ.

މިސްކިތުގައި ނަމާދުކުރާ ބައިގެ ގޮތުގައި ޚާއްސަކޮށްފައިވަނީ ފުރަތަމަ ފުރަތަމަ ފަންގިފިލާއާއި ދެވަނަ ފަންގިފިލާއެވެ. މި ދެ ބައިގައި ގާތްގަނޑަކަށް 4000 މީހުންނަށް އެއް ފަހަރާ ނަމާދުކުރެވޭނެއެވެ. މިސްކިތުގެ 3 ވަނަ ފަންގިފިލާގައި 4 ކްލާސްރޫމަކާއި، 5 ސެމިނަރ ރޫމެއްގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ޚާއްސަ ބައެއް ހުންނާނެއެވެ. އަދި 4ވަނަ ފަންގިފިލާ ޚާއްސަކޮށްފައިވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމެއްގެ ގޮތުގައެވެ. މިއީ 350 މީހުންގެ ޖާގައިގެ އޮޑިޓޯރިއަމެކެވެ. މީގެ އިތުރުން މިސްކިތުގެ 5ވަނަ ފަންގިފިލާ ތަރައްޤީކޮށްފައިވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދުކުރުމަށްވެސް ބޭނުންކުރެވޭނެހެން މަލްޓި ޕާޕަސް ހޯލެއްގެ ގޮތުގައެވެ. މިސްކިތް ޒީނަތްތެރިކުރުމުގެ ގޮތުން ޗާންދަލިޔާއާއި ޢަރަބި ކެލިގްރަފީއާއި، ކިރީތި ޤުރުޢާނުގެ އާޔަތްތަކާއި، އިސްލާމީ ސަޤާފަތާއި ގުޅުންހުރި ތަފާތު ލިޔުންތައް ބޭނުންކޮށްފައިވެއެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރާއި ސަޢުދި ޢަރަބިއްޔާއާއި އޮތް ގާތް ގުޅުމުގެ ތެރެއިން ބިނާކުރެއްވި އެ މިސްކިތުގެ އެތެރެއާއި ބޭރު ހިމެނޭހެން 10 ހަހަށްވުރެ ގިނަ މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭނެކަމަށް ސަރުކާރުން ކުރިން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.