ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ މިޝަން ޑައިރެކްޓަރަކަށް އިންޑިޔާގެ ތަޖުރިބާކާރެއް ކަމުގައިވާ ޑރ. ސްރިމަތީ ކޭސަން އައްޔަންކޮށްފި އެވެ.
އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް، އައިޖީއެސް އިން ކުރިއަށް ގެންދާ މި ސްޕޭސް މިޝަނަށް އައްޔަންކުރި މިޝަން ޑައިރެކްޓަރަކީ ސެޓެލައިޓް ޑިޒައިންކޮށް ލޯންޗް ކުރުމުގެ ތަޖުރިބާކާރެއް ކަމަށް އައިޖީއެސް އިން ބުނެއެވެ.
ޑރ. ސްރިމަތީ އަކީ 2017 ވަނަ އަހަރު ނާސާ އިން ލޯންޗުކުރި ދުނިޔޭގެ އެންމެ ކުޑަ ސެޓެލައިޓްގެ މިޝަން ޑައިރެކްޓަރެވެ. އަދި 2019 ވަނަ އަހަރު އިންޑިއަން ސްޕޭސް ރިސާޗް އޯގަނައިޒޭޒަން (އިސްރޯ) އިން ލޯންޗުކުރި ދުނިޔޭގެ އެންމެ ލުއި ސެޓެލައިޓްގެ މިޝަން ޑައިރެކްޓަރަކީ ވެސް ސްރިމަތީ އެވެ. އޭނާގެ ލީޑާޝިޕްގެ ދަށުން މިދިޔަ މަހުގެ ތެރޭގައި ވެސް ވަނީ ސެޓެލައިޓެއް ލޯންޗުކޮށްފަ އެވެ.
އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުޙައްމަދު ވިދާޅުވީ މިޝަން ޑައިރެކްޓަރުގެ މައިގަނޑު ޒިންމާއަކީ، ސްޕޭސް މިޝަނެއް ރާވާ، ކާމިޔާބު ކަމާއެކު ނިންމާލަން ރާއްޖޭގެ ދަރިވަރުން ތައްޔާރު ކުރުމެވެ.
"ޑރ. ސްރިމަތީ އަކީ ކާމީޔާބު ސްޕޭސް މިޝަންތައް ލީޑް ކުރައްވާފައިވާ ބޭފުޅެއް. އަދި ސެޓެލައިޓް ލޯންޗް ކުރުމުގައި ނާސާ އާއި އިސްރޯއާ އެކު މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރެއް. އެފަދަ ބޭފުޅަކާ އެކު މަސައްކަތް ކުރުމުން ދިވެހި ދަރިވަރުންނަށް ވަރަށް ރަނގަޅު ތަޖުރިބާއެއް ލިބިގެންދާނެ"
– ރިފްއަތު
ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިއަށް ގެންދަނީ އިގިރޭސިވިލާތުގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރި ކަމާއެކުގަ އެވެ. އެ ޖަމިއްޔާގެ މެމްބަރުންގެ ތެރޭގައި، އެމެރިކާގެ ޖައްވީ އިދާރާ ނާސާ އާއި ޔޫރަޕިއަން ސްޕޭސް އެޖެންސީ، އީސާ އާއި މަޝްހޫރު ސްޕޭސް ކުންފުނި ސްޕޭސް އެކްސްގެ އިލްމުވެރިންނާއި ތަޖުރިބާކާރުން ހިމެނެއެވެ.
މިދިޔަ އޮކްޓޯބަރު މަހު އައިޖީއެސް އިން ކޭއެސްއެފް އާއެކު ސޮއި ކުރި އެއްބަސްބުމުވެ ދަށުން، ސްޓެލައިޓް ޑިޒައިން ކޮށް، ލޯންޗް ކޮށް، ސައިންޓިފިކް ރިސާޗް ހަދަން އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުން ރާއްޖޭގެ 12 ދަރިވަރަކު ތަމްރީނު ކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ކޮމެންޓު ފޮނުވާ