ގައިދުރުކޮށް ސަފު ހެދުމަށް ވަކާލާތު ކުރާ ގިނަ މީހުންނަކީ މިސްކިތުގެ ޖަމާޢަތަށް ދާބައެއް ނޫންކަމަށް ދީނީ ޢިލްމުވެރިޔާ ޑރ.މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19 ރާއްޖޭގައި ފެތުރުން އިތުރުވާން ފެށުމުން މިސްކިތްތަކުގައި ގައިދުރުކަން ބަހައްޓައިގެން ނަމާދުކުރުމަށް ވަރަށް ގިނަ ބަޔަކު ގޮވާލާފައިވެއެވެ. އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީންވެސް ވަނީ ގައިދުރުކޮށްގެން ނަމާދުކުރުމަށް މިމަހުގެ ފުރަތަމަ ދުވަހު އިލްތިމާސްކޮށްފައެވެ.
މިކަމާއި ގުޅިގެން ޑރ.އިޔާޟް މީގެ ކުރިން ވަނީ ގައިދުރުކޮށްގެން ނަމާދުކުރުމުން ނަމާދުގެ ފުރިހަމަކަން ގެއްލޭކަމަށް ވިދާޅުވެފައެވެ. ޑރ.އިޔާޟް މިއަދު ވިދާޅުވީ، ޖަމާޢަތުގެ ނަމާދުގައި ގައިދުރުކޮށް ސަފު ހެދުމަށް ވަކާލާތު ކުރާ ގިނަ މީހުންނަކީ މިސްކިތުގެ ޖަމާޢަތަށް ދާވެސް ބަޔެއް ނޫންކަމަށެވެ.
ޖަމާޢަތުގެ ނަމާދުގައި ގައިދުރުކޮށް ޞަފު ހެދުމަށް ވަކާލާތު ކުރާ ގިނަ މީހުންނަކީ މިސްކިތުގެ ޖަމާޢަތަށް ދާވެސް ބަޔެއް ނޫން. ދެން ކޮން ކަމެއްތޯ މިކަމުގެ ތެރެއަށް އަތްފައި ބާނާކަށް?
— Dr.Mohamed Iyaz (@dr_iyaz) March 13, 2021
އިސްލާމިކް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ވަނީ ރާއްޖޭގައި ކޯވިޑް-19ގެ ހާލަތު އިތުރަށް ގޯސްވަމުން އަންނަކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތު ދީފައިވާކަމަށާއި، އެހެންކަމުން ފަތުވާ މަޖިލީހާއި ދީނީ އިލްމުވެރިންނާ މަޝްވަރާކޮށް، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުގެ މެންދުރު ނަމާދުން ފެށިގެން، ކޮވިޑްގެ ހާލަތަށް ލުޔެއް ލިބެންދެން ގްރޭޓާ މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތެއްގައި ނަމާދުގެ ޖަމާއަތް، ގައިދުރުކަމާއެކު ކުރިއަށް ގެންދަން ނިންމާފައިވާކަމަށެވެ.
ނަމަދުގެ ޖަމާއަތް ހެދުމުގައި ގައިދުރުކުރަން ނިންމީ މިސްކިތުގެ ޖަމާއަތް މެދުކަނޑާލައި މިސްކިތް ބަންދުކުރުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްދަތިކަމަކަށް ވާނެތީކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި މިހާލަތުން އަރައިގަތުމަށް ކުރެވެން އޮތްކަމަކީ މިސްކިތް ބަންދުކުރުމުގެ ބަދަލުގައި ގައިދުރުކަމާއެކު ނަމާދުގެ ޖަމާއަތް ހެދުން ކަމުގައި ފަތުވާ މަޖިލީހާއި ބައެއް އިލްމުވެރިން ލަފާދެއްވާފައިވާކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ. އެހެންކަމުން ހާލަތު ރަނގަޅުވާން ފެށުމުން ކުރިއެކޭ އެއްގޮތަށް ޖަމައަތުގައި ނަމާދު ކުރެވޭނެކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.
ކޮމެންޓު ފޮނުވާ