ބޮލީވުޑްގެ ޚަބަރުތަށް ގެނެސްދޭ މީޑިއާތަކުން ބުނެފައިވަނީ އޭޕްރީލް މަހުގެ 2 ވަނަދުވަހު ސިނަމާތަކުގައި އަޅުވަން އޮތް ފިލްމު "ސޫރްޔަވަންޝީ" މިހާރު އޭޕްރީލް މަހުގެ 30 އަށް ލަސްކޮށްފައި ވާކަމަށެވެ. މި ފިލްމަކީ ބޮލީވުޑްގެ ސަޕޯޓަރުން މިވަގުތު އެންމެ އިންތިޒާރު ކުރަމުންދާ ފިލްމެވެ. މި ފިލްމު އެންމެ ފުރަތަމަ ބެލުންތެރިންނާއި ހަމައަށް ގެނެސްދިނުމަށް މަަސައްކަތްކުރީ މިދިޔަ އަހަރުގެ މާރިޗު މަހުގެ24 ވަނަ ދުވަހުއެވެ.
ފިލްމު ރިލީސްކުރަން ބޭނުންވަނީ ދުވަހަކުވެސް ހިންދީ ފިލްމެއް ރިލީސްކޯށްފައިނުވާ ކަހަލަ ހާއްސަ ގޮތަކަށް ކަމަށް ވަނީ ބުނެފައެވެ. މިކަން ރަސްމީކޮށް އިއުލާން ކުރަން ހަމަޖެހިފައިވަނީ މާދަމާ އާންމުކުރާ އެ ފިލްމުގެ އާ ޓީޒާ އާއެކުގައި ކަމަށްވެސް ރިޕޯޓްތަށް ބުނެއެވެ.
މާދަމާ އަކީ ފިލްމުގެ ޑައިރެކްޓަރ ރޯހިތު ޝެއްޓީގެ އުފަން ދުވަހެވެ. އެހެންކަމުން ރޯހިތުގެ ސަޕޯޓަރުންނަށް ދޭ އުފަންދުވަހުގެ ހަދިޔާއެއްގެ ގޮތުގައި މިފަހަރު އޮތީ އޭނާގެ ފިލްމު ބެލުންތެރިންނަށް ފެންނާނެ ސައްހަ ތާރީހާއި ފިލްމުގެ ކުޑަވަރެއްގެ ތަޢާރަފެކެވެ.
އަކްޝޭ އާއި ކެޓްރީނާ ލީޑުން ފެނިގެންދާ މި ފިލްމުގައި ރޯހިތުގެ ކޮޕް ޑްރާމާ ސީރީޒްތަކުގެ ކެރެކްޓަރތައް ކަމަށްވާ ސިންގަމް އާއި ސިމްބާގެ ކެރެކްޓަރ ވެސް ހާއްސަ ފެނިލުމަކުން ފެންނާނެއެވެ.
މި ފިލްމު ރޯދަމަހުގައި ނެރުމަށް ހަމަޖެހިފައި ވާއިރު ދެ ހަފްތާވަންދެން ސިނަމާތަކުގައި ދެއްކުމަށް އަދި މިހާތަނަށް އޮތީ ކަނޑައަޅާފައެވެ. އަދި މީގެއިތުރުން "މަހަރަޝްތަރާ ޑޭ"ގެ ބަންދު ދުވަސްތަކާއި ދިމާވާތީ ފިލްމު ބެލުމަށް ގިނަބަޔަކަށް ފުރުސަތު ލިބޭނެކަމަށްވެސް ޕްރޮޑަކްޝަން ޓީމުން ގަބޫލުކުރެއެވެ.