ވިކީ އާއި މަނޫޝީގެ ފިލްމަށް ނަމެއްދީފި

ވިކީ އާއި މަނޫޝީގެ ފިލްމަށް ނަމެއްދީފި

ވިކީ ކައުޝަލް އަކީ މިވަގުތު ބޮލީވުޑްގައި އެންމެ ބިޒީ އެއް ތަރިއެވެ. އެގޮތުން މިވަގުތު އޭނާ މަސައްކަތް ކުރަމުންދަނީ ވިޖޭ ކްރިޝްނާ އަޗާރިޔާގެ ކުރިއަށްއޮތް ފިލްމުގެ ޝޫޓިންގ ނިންމާލުމަށެެވެ. މި ފިލްމު ނިންމާލުމަށްފަހު ދެން މަސައްކަތް ކުރާނީ ޝަޝަންކް ޚައިތަންގެ "މިސްޓަރ ލެލެ" ގައެވެ. އެއަށްފަހު އަދިތިޔާ ދަރްގެ "އަޝްވައްތަމާ"ގެ މަސައްކަތް ވިކީ ފަށާނެއެވެ.

މި މަސައްކަތްތަކަށްފަހު ވިކީ ދެން ފެނިގެން ދާނީ ޔަޝްރާޖްގެ ފިލްމަކުންނެވެ. މި ފިލްމުގައި ވިކީގެ އިތުރުން މަނޫޝީ ޗިއްލަރުވެސް ލީޑު ރޯލުން ފެނިގެންދާނެ އެވެ.

"ޕްރިތުވީރާޖް" އިން އަކްޝޭ ކުމާރާއެކު ބޮލީވުޑަށް ނުކުތުމަށް ތައްޔާރުވެފައި ވާ ރީތީގެ ރާނީ މަނޫޝީގެ ދެވަނަ ފިލްމަކީ ވިކީއާއެކު ކުޅުމަށް ހަމަޖެހިފައިވާ ފިލްމެވެ. ވިކީގެ ފުރަތަމަ ކޮމެޑީ ފިލްމަށް ދީފައިވާ ނަމަކީ "ދަ ގްރޭޓް އިންޑިއަން ފެމިލީ (ޓީޖީއައިއެފް)" ކަމަށް ބައެއް ރިޕޯޓްތައް ގެންދަނީ ބުނަމުންނެވެ. ނަމަވެސް ޔަޝްރާޖުން އަދި މިކަން ޔަގީންކޮށް ނުދެއެވެ.

ފިލްމުގެ މަސައްކަތްތަކަށް ތައްޔާރުވެފައިވާއިރު ޔަޝްރާޖުން ގަބޫލު ކުރާ ގޮތުގައި މި ފިލްމު މިއަހަރު ބެލުންތެރިންނާ ހަމައަކަށް ނާންނާނެ އެވެ. އެެހެންކަމުން "ޓީޖީއައިއެފް" ރިލީސް ކުރެވޭނެކަމަށް ލަފާކުރެވެނީ 2022 ވަނަ އަހަރުގެ ކުރީ ކޮޅުގައެވެ.

މަނޫޝީގެ ފުރަތަމަ ފިލްމު "ޕްރިތުވީރާޖް" އަކީ ވެސް ޔަޝްރާޖް ފިލްމްސްގެ ފިލްމެކެވެ. މި ފިލްމު މިއަހަރުގެ ދިވާލީގައި ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ޔަޝްރާޖުން ގެންދަނީ މަސައްކަތްކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *