ވަރުން ދަވަން އަދި ޝްރަދާ ކަޕޫރު އާދީއްތަދުވަހު ވަނީ މުމްބައީ އެއާޕޯޓުން ފެނިފައެވެ. ބޮލީވުޑްގެ މި ދެ ތަރިން އައިސްފައި ވަނީ ރާއްޖެއަށެވެ.
މިއީ ޝްރަދާގެ ދެބެންގެ ދެދަރި ކުއްޖެއްކަމަށްވާ ޕްރިޔަންކްގެ ކައިވެނި ހަފްލާގައި ބައިވެރިވުމަށް ކުރާ ދަތުރެކެވެ.
ޝްރަދާ ކަޕޫރު، ބޭބެ ސިދާތު ކަޕޫރު އަދި އާއިލާގެ އެހެން މެމްބަރުންނާއި އެކުގައި އެއާޕޯޓަށް ވަދެގެން ދާތަންވަނީ ފެނިފައެވެ. ވަރުން ދަވަން ފެނިފައިވަނީ އޭނާގެ އަންހެނުން ނަތާޝާ ދަލާލްއާ އެކުގައެވެ.
ނަމަވެސް އަދި މިހާތަނަށް މިއިން އެއްވެސް ތަރިއެއް ރާއްޖެއައިސް ނެގި ފޮޓޯއެއް އާންމުވެފައެއް ނުވެއެވެ.
ޕަދްމިނީ ކޮލަޕޫރީގެ ފިރިހެން ދަރިފުޅު ޕްރިޔާންކް ވަނީ ކަރީމް މޮރާނީގެ އަންހެން ދަރިފުޅު ޝަޒާއާއި މި ފެބްރުވަރީ މަހުގެ ކުރީކޮޅު ކައިވެނި ކޮށްފައެވެ. ކޯވިޑްގެ ހާލަތުގެ ސަބަބުން ކައިވެނީގެ ކަންކަން ގެންދިޔައީ ވަރަށް ކުޑަ ގޮތަކަށް އާއިލާ އަދި މަދު ރައްޓެހިންކޮޅަކާއި އެކުގަ އެވެ.
މިހާރު ރާއްޖޭގައި މި ކައިވެނީގެ ހަފްލާ ބޮޑުކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޕްރިޔާންކް އާއިލާ އާއެކު ރާއްޖެ އައިސް އުޅެނީ އޮޒޮން ލައިފް މާދޫ ރިސޯޓް ގައެވެ. ކައިވެނީގެ އުފާފާޅުކުރުންވެސް އޮންނާނީ މި ރިސޯޓުގައި ކަމަށް ބެލެވެއެވެ.
ޝްރަދާ އަދި ސިދާތު ފެނިގެން ދިއައީ އެއް ވައްތަރުގެ ޓީޝާޓު ލައިގެން ތިއްބާއެވެ. އަދި މިއީ މަޝްހޫރު ޓީވީ ޝޯއަކުން "އިންސްޕްއާ" ވެފައިވާ ޓީޝާޓެކެވެ. އެގޮތުން މި ޓީޝާޓުގައި "ދަ ވަން ވެއާ ޝަޒާ ގެޓްސް މެރިޑް ޓު ޕްރިޔާންކް" މިހެން ޖަހާފައިވެއެވެ. މި ހުދު ކުލައިގެ ޓީޝާޓާއި އެކުގައި ޝްރަދާ ލައިފައިވަނީ ޑެނިމް ސޯޓެކެވެ. އެއާޕޯޓުގައި ފޮޓޯ ނެގިއިރު ޝްރަދާ ހުރީ މާސްކެއް އަޅައިގެންނެވެ. މި ދަތުރުގައި މާރިޗު މަހުގެ3 ވަނަދުވަހު ޝްރަދާގެ އުފަންދުވަސްވެސް ފާހަގަކުރަން ވަނީ ހަމަޖެހިފައެވެ
ކޮވިޑްގެ ލޮކްޑައުނަށްފަހު ބޮލީވުޑްގެ ގިނަ ތަރިން ވަނީ ރައްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ. ޕްރިޔާންކްގެ ކައިވެނީގެ އުފާ ފާޅުކުރުމުގެ ކަންތައްތަކުގައި ބައިވެރިވުމަށް ވަގުތުވެސް ބޮލީވުޑްގެ ތަރިންނާއި އެތަރިންގެ ގާތް ގިނައަދަދެއްގެ ބަޔަކު ދަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންނެވެ.