އަމީތާބް ބައްޗަންގެ ކާފަދަރި ނަވްޔާ ނަންދާ ބޮލީވުޑަށް ޝައުގުވެރިކަން ނެތް ކަމަށް އޭނާ ބުނެފިއެވެ.
ނަވްޔާ ބުނީ އޭނާ ބޭނުންވަނީ އޭނާގެ ބައްޕަ ނިކިލް ނަންދާގެ ވިޔަފާރިއާ ގުޅުމަށްކަމަށެވެ. މިކަމުން އެންމެނަށްވެސް ލިބިފައިވަނީ ހައިރާންކަމެވެ. އާއިލާގެ މެމްބަރުންގެ އިތުރުން އެންމެނަށްވެސް ގަބޫލުކުރެވިފައި އޮތީ ނަވްޔާ، އޭނާގެ މާމަ އާއި ކާފަ ފަދައިން ބޮލީވުޑުން ފެނިގެން ދާނެ ކަމަށެވެ.
ނަވްޔާ އަކީ އަމީތާބްގެ އަންހެން ދަރިފުޅު ޝްވެތާ ބައްޗަން ނަންދާގެ ދަރިއެކެވެ. ޝްވެތާ އަކީވެސް ކުރިން މޮޑެލްއެއްގެ ގޮތުގައި މަސައްކަތްކުރި ނަމަވެސް އެކްޓިންގ އަށް ޝައުގުވެރިކަން ދީފައިވާ މީހެއް ނޫނެވެ.
ދާދިފަހުން ނަވްޔާ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް ޕަބްލިކް އެކައުންޓަކަށް ހަދާފައެވެ. މި އިންސްޓަގްރާމް އެކައުންޓުގައި ނަވްޔާ އެންމެ ކުޑައިރުއްސުރެ ފެށިގެން މިހާރުގެ ފޮޓޯތައްވަނީ ހިއްސާކޮށްފަ އެވެ.
ވޯގް މަޖައްލާއާ ވާހަކަ ދައްކަމުން ނަވްޔާވަނީ އޭނާއަކީ ވިޔަފާރި ކުރިއަށް ގެންދިޔުމަށް އެ އާއިލާއިން އިސްނެގި ފުރަތަމަ އަންހެން މެމްބަރުކަން ފާހަގަކޮށްފަ އެވެ. އިތުރަށް ވާހަކަ ދައްކަމުން އަންހެނުން ބާރުވެރިކުރުގެ މުހިންމުކަމަށްވެސް ނަވްޔާ ވަނީ އަލިއަޅުވާލާފަ އެވެ.
ނަވްޔާގެ އުންމީދަކީ އޭނާގެ މުނިކާފަ އެޗްޕީ ނަންދާ ފަޚުރުވެރިވާނެފަދަ މިހަކަށްވުމަށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. އަދި ވިޔަފާރީގައި އަމަލީގޮތުން ބައިވެރިވެވޭނެ ދުވަހަކަށް ނަވްޔާދަނީ އިންތިޒާތުކުރަމުންނެވެ.