ބޮމްބޭ ބޭގަމްސްގެ ޓެރެއިލާ ދައްކާލައިފި

ބޮމްބޭ ބޭގަމްސްގެ ޓެރެއިލާ ދައްކާލައިފި

ނެޓްފްލިކްސް އިން ގެނެސްދިނުމަށް ތައްޔާރުވެފައި ވާ ވެބް ސީރީޒް ބޮމްބޭ ބޭގަމްސްގެ ޓެރެއިލާ ދައްކާލައިފި އެވެ.

މާރިޗު 8 ވަނަ ދުވަހު ނެޓްފްލިކްސް އިން ދައްކަންފަށާ މި ސީރީޒްގައި ދައްކައިދެނީ އިންޑިއާގެ ޑްރީމް ސިޓީ މުމްބާއީގައި ދިރިއުޅޭ 5 އަންހެނެއްގެ ދިރިއުޅުމެވެ. އެގޮތުން މި ސީރީޒްގައި ފެނިގެންދާނީ މި ފަސް އަންހެނުން އިއްޒަތާއި، ލޮތްބާއި، ފައިސާ އަދި ބާރު ހޯދަން ދިރިއުޅުމުގައި ކުރާ ދަތުރެވެ.

މި ސީރީޒަކީ ބަތަލާ ޕޫޖާ ބަޓް ދިގުމުއްދަތެއްގެ މެދުކެނޑުމަށްފަހު ކެމެރާގެ ކުރިމަތިން ފެންނަ އެންމެބޮޑު ރޯލު ފެނިގެންދާ ސީރީޒެވެ. ޕޫޖާ އެންމެ ފަހުން ކެމެރާގެ ކުރިމަތިން ފެނުނީ ބައްޕަ މަހޭޝް ބަޓްގެ މިދިޔަ އަހަރުގެ ފިލްމު "ސަޑަކް2″ ގެ ރޯލަކުންނެވެ. ނަމަވެސް އެ ފިލްމު ވީ ބޮކްސްއޮފީހުގައި ފްލޮޕަކަށެވެ.

ޕޫޖާ ބަޓްގެ އިތުރުން ޝަހާނާ ގޮސްވާމީ، އަމްރުތާ ސުބާޝް، ޕްލަބިތާ ބޯރްތަކުރް އަދި އާދްޔާ އަނާންދް ވެސް ފެނިގެން ދާނެއެވެ. މި ފަސް ތަރިން ފެނިގެން ދަނީ އެކި އެކި މަސައްކަތުގެ މާހައުލުގައި އުޅޭ ތަފާތު ޝަހުސިއްޔަތުގެ ގޮތުގައެވެ.

ބޮމްބޭ ބޭގަމްއިން ޕޫޖާ ބަޓް އަދާ ކުރަނީ ވިޔަފާރިވެރިއެއްގެ ރޯލެވެ. އަމްރުތާ އަކީ ޑާންސް ބަރ ގައި ނަށާމީހެކެވެ. ޝަހާނާ ފެނިގެންދަނީ ދިރިއުޅުމުގައި އާ ހަރުފަތަކަށް ދިއުމުގެ އުއްމީދުގައި ހުރެފައި ކުއްލިއަކަށް ދިރިއުޅުން ބަދަލު ކޮށްލާފަދަ ހާދިސާއަކާއި ކުރިމަތިވާ މީހެއްގެ ގޮތުގައެވެ. އަދި މި ފަސް މީހުން ދިމާވަނީ ކުރިމަތިވާ ހާދިސާއަކާ ގުޅިގެންނެވެ.

ސިރީޒް ލިޔެ ޑައިރެކްޓުކޮށްފައިވަނީ އަލަންކްރިތާ ޝްރިވަސްތަވާއެވެ. އަލަންކްރިތާ މަޝްހޫރުވެފައިވަނީ "ލިޕްސްޓިކް އަންޑާރ މައި ބުރްގާ" އަދި "ޑޯލީ ކިޓީ އޮރް ވޯ ޗަމަކްތޭ ސިތާރޭ" އިންނެވެ.

ބޮމްބޭ ބޭގަމްއާއި ބެހޭގޮތުން އަލަންކްރިތާ ބުނެފައިވަނީ މިއީ އިންޑިއާގެ އަންހެނުންގެ ދިރިއުޅުމުގެ މައްޗަށް ބިނާކޮށްފައިވާ ވާހަކައެއް ކަމަށެވެ. އަދި މި ސީރީޒް އަމާޒުވާ މީހުނަށް މިއީ ކަމުދާ އެއްޗަކަށް ވާނެކަމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *