ރަންވީރް ސިންގް އާއި ދީޕިކާ ޕަޑްކޯން އެކުގައި ފެނިގެންދާ ފިލްމް "83″ މިއަހަރު ޖޫން މަހު ސިނަމާތަކަށް އަންނާނެ ކަމަށް ފިލްމާ ގުޅުންހުރި ބައެއް ފަރާތްތަކާ ހަވާލާދީ ރިޕޯޓްތައް ބުނެފި އެވެ.
ބޮލީވުޑްގެ ހަބަރުތަށް ގެނެސްދޭ މީޑިއާ ތަކުން ބުނާ ގޮތުގައި ފިލްމު އަޅުވާނެ ކަމަށް ބެލެވެނީ ޖޫންމަހުގެ 4 ނޫނީ 11 ވަނަ ދުވަހުއެވެ. ނަމަވެސް ޖޫން މަހުގެ 25 ވަނަ ދުވަހަކީވެސް ފިލްމު ރިލީޒްކުރާނެކަމަށް ބައެއް މީޑިއާތަކުން ލަފާކޮށްފައިވާ ދުވަހެކެވެ. ސަބަބަކީ އެ ތާރީހަކީ1983 ވަނަ އަހަރުގެ އިންޑިއާ ޓީމުން ވޯލްޑްކަޕް ކާމިޔާބު ކުރި ތާރީހު ކަމަށްވާތީއެވެ.
މި ފިލްމަކީ ކޯވިޑް-19ގެ ސަބަބުން ރިލީޒްކުރުން ލަސްވެފައިވާ ފިލްމެކެވެ. މިއީ ސިނަމާގައި ނޫނީ ނޭޅުވުމަށް ފަސްކުރި ބޮލީވުޑްގެ ބޮޑެތި ފިލްމުތަކުގެ ތެރެއިން އެއް ފިލްމެވެ.
ކަބީރް ޚާން ޑައިރެކްޓްކޮށްފައިވާ ސްޕޯޓްސް ޑްރާމާ "83″ އަކީ އިންޑިއާ އިން 1983 ގެ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރަން ކުރި މަސައްކަތް ދައްކުވައިދޭނެ ފިލްމެކެވެ.
ފިލްމުގެ ލީޑުން ފެނިގެންދާ ރަންވީރު ކުޅެނީ ވޯލްޑްކަޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން ކަޕިލް ދޭވްގެ ރޯލެވެ. އަދި ކަޕިލްގެ އަންހެނުން ރޯމީ ބަތިޔާގެ ރޯލުން ފެނިގެންދަނީ ރަންވީރުގެ އަނބިމީހާ ދީޕިކާއެވެ.
ކުރިން މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 10 ވަނަ ދުވަހު ރިލީޒްކުރުމަށް ނިންމާފައި އޮތް މި ފިލްމަކީ ކޯވިޑްގެ ސަބަބުން ފަޅުވެފައިވާ ސިނަމާތައް ފުރާލުމަށް މުހިންމު އެއް ފިލްމަށް ވެގެންދާނެއެވެ.
ޖޫންމަހު މި ފިލްމު ސިނަމާއަށް އަނަނާނެކަމަށް މީޑިއާތަކުން ބުނި ނަމަވެސް، މިކަމާ ބެހޭ ގޮތުން ފިލްމުގެ ޕްރޮޑަކްޝަން ޓީމުން އަދި ރަސްމީކޮށް ވަކި އެއްޗެއް ނުބުނެ އެވެ.
ކޮމެންޓު ފޮނުވާ