މި މަހުގެ 1 ވަނަ ދުވަހު މިޔަންމާގެ އަސްކަރިއްޔާއިން ގެނައި އަސްކަރި ބަޢާވާތާ ދެކޮޅަށް އަޅާނެ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތައް އެމެރިކާގެ ސަރުކާރުން އިއުލާން ކޮށްފިއެވެ.
އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒު ކޮށްފައިވަނީ ބަޢާވާތުގައި އިސްކޮށް ހަރަކާތްތެރިވި އަސްކަރީ ލީޑަރުންނަށާއި، އެމީހުންގެ އާއިލާތަކަށާއި އަދި އަސްކަރީ ލީޑަރުންނާ ގުޅުންހުރި ވިޔަފާރިތަކަށެވެ.
އަދި މީގެ އިތުރުން، އެމެރިކާގައި މިވަގުތު ހިފެހެއްޓިފައިހުރި، މިޔަންމާ ސަރުކާރުގެ 1 ބިލިޔަން ޑޮލަރުގެ ފަންޑުވެސް އަސްކަރީ ސަރުކާރަށް ލިބުނަނުދީ ހިފެހެއްޓުމަށްވެސް އެމެރިކާގެ ރައީސް ޖޯ ބައިޑްން ވަނީ ނިންމަވާފައެވެ.
މިޔަންމާ އަސްކަރީ ސަރުކާރާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައި މިވަނީ، މިޔަންމާގެ އަސްކަރިއްޔާއިން އެގައުމަށް ބަޢާވާތެއް ގެނެސް، ވެރިކަމުގެ ހުރިހާ ބާރެއް މުށުތެރެއަށްލާ، އަދި އަންސަންގ ސޫކީއާއި އޭނާގެ ޕާޓީގެ އިސްވެރިން ހައްޔަރު ކުރުމާ ގުޅިގެން، މިހާރު ހިގަމުންދާ މުޒާހިރާތަކުގައި އަނިޔާވެ މުޒާހަރާގެ ބައިވެރިޔަކު މަރާ ހަގުރާމަ ކުރަމުން ދަނިކޮށެވެ.
މުޒާހަރާގެ ބައިވެރިންނަށް އަނިޔާވެފައިވަނީ، އަންގާރަ ދުވަހުގެ މުޒާހަރާ ރޫޅާލުމަަށް ފުލުހުން މުޒާހަރާގެ ބައިވެރިންގެ ތެރެއަށް ފެންޖަހާ، ރަބަރު ވަޒަނާއި އަދި އަސްލު ވަޒަންވެސް ބޭނުން ކުރުމުގެ ސަބަބުންނެވެ.
ހައްގުތަކަށް ވަކާލާތުކުރާ ޖަމްއިއްޔާތަކުން ބުނާ ގޮތުގައި، ހޮސްޕިޓަލުގައި އެޑްމިޓްކުރެވިގެން މިހާރު ފަރުދެމުންދާ މިޔާ ތޯވް ތޯވް ޚައިންގެ ގަޔަށް އަރާފައިވާ ވަޒަންތަކަކީ އަސްލު ކަމަށް ބެލެވޭ ވަޒަންތަކެކެވެ.
ފަހަކަށްއައިސް، ބޮޑެތި އެއްވުންތައް މަނާކޮށް، އަދި މިޔަންމާގައި ކާފިއު ހިންގާފައިވި ނަމަވެސް، އެތައްހާސް ރައްޔިތުންނެއް ދަނީ މަގުތަކަށް ނުކުމެ، މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް ބޮޑެތި އެއްވުންތައް ބާއްވަމުންނެވެ.
މިއެއްވުންތަކާ ދެކޮޅަށް ފުލުން ބާރުގެ ބޭނުންކުރަން ފަށާފައި ވުމާއިއެކު، މުޒާހިރާތަކުގައި ބައިވެރިވާ މީހުންނަށް އަނިޔާ ވަމުންދިޔަ ނަމަވެސް، މިހާތަނަށް އަދި އެއްވެސް މީހަކު މަރުވެފައި ނުވެއެވެ.
ބޮޑު ތަފާތަކުން ފާއިތުވި އިންތިޚާބު ކާމިޔާބު ކުރި، އަންގސަންގ ސޫކީއާއި އަދި އޭނާގެ ޕާޓީގެ އިސްވެރިން މިޔަންމާގެ އަސްކަރިއްޔާއިން ހައްޔަރު ކޮށްފައިވަނީ ފާއިތުވެދި ހަފްތާގެ ހޯމަދުވަހު ހެދުނު، އެގައުުގެ ގާނޫނު ހަދާ މަޖިލިހުގެ ޖަލްސާ ބޭއްވުމަށް ތައްޔާރުވަމުން ދަނިކޮށެވެ.
ބައިޑްން ވަނީ، މިޔަންމާއަށް ގެނެވުނު އަސްކަރީ ބަޢާޥާތް ނިމުމަކަށް ގެނެސް، އަދި ހައްޔަރު ކޮށްފައިވާ އަންގސަންގ ސޫކީ ވަގުތުން ވަގުތަށް މިނިވަންކުރުމަށް ގޮވާލާފައެވެ.
"ބަރުމާގެ ރައްޔިތުން އެދަނީ އެމީހުންގެ އަޑު އިއްވަމުން، އަދި ދުނިޔެ މިދަނީ އެއަޑުތައް އަހަމުން،" ބައިޑްން ވިދާޅުވެފައި ވެއެވެ.
މިޔަންމާގެ ބަޢާވާތާ ގުޅިގެން ރައީސް ޖޯ ބައިޑްން ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، “ރައްޔިތުންގެ ނިންމުން އަބުރާލުމަށް ބާރުގެ ބޭނުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،” ކަމުގައެވެ. އަދި “ސައްޙަ އިންތިޚާބެއްގެ ނަތީޖާ އަބުރާލުމަކީވެސް ގަބޫލު ކުރެވޭނެ ކަމެއް ނޫން،” ކަމުގައިވެސް ބައިޑްންގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ. ޔޫއެންއާއި އަދި އިގިރޭސިވިލާތުންވެސް ވަނީ ބަރުމާގައި ގެނެވުނު ބަޢާވާތް ކުއްވެރި ކޮށްފައެވެ.
ބަރުމާގައި ދިގު ޒަމާންތަކެއް ވަންދެން އޮތް އަސްކަރީވެރިކަމާ ދެކޮޅަށް އެމެރިކާއިން އަޅާފައޮތް ދަތިކުރުމުގެ ފިޔަވަޅުތައް، އެގައުމަށް ޑިމޮކްރަސީގެ ހެޔޮ ބަދަލުތައް އަންނަން ފަށާފައި ވުމާއެކު، ފަހަކަށް އައިސް ވަނީ އުވާލާފައެވެ. އެހެންނަމަވެސް، ފާއިތުވެދިޔަ ހަފްތާގައި ގެނެވުނު ބަޢާވާތާ ގުޅިގެން ބައިޑްން ވިދާޅުވެފައިވަނީ، އެމެރިކާއިން އުވާލާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ވަގުތުން ވަގުތަށް އަލުން މުރާޖައާ ކުރައްވާނެ ކަމަށެވެ. “އެއީ ދުނިޔޭގެ ކޮންމެ ގައުމަކަށްވިޔަސް، ޑިމޮކްރަސީއާ ދެކޮޅަށް އަންނަ ކޮންމެ ހަމަލާއަކާ ދެކޮޅަށް އެމެރިކާ ތެދުވާނެ،” ބައިޑްން ވިދާޅު ވެފައި ވެއެވެ.
މިޔަންމާގެ އަސްކަރިއްޔާއިން މިހާރުދަނީ، މުޒާހަރާ ރޭވުމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި އަދި މުޒާހަރާ ކުރާ ފަރާރްތައްވެސް ހައްޔަރު ކުރަމުންނެވެ. އަދި މީގެ އިތުރުން، ސަރަހައްދީ އިދާރީ އިސް މުވައްޒަފުންނާއި، ނޮވެމްބަރު މަހު ބޭއްވުނު އިންތިޚާބުގައި މަކަރުހަދާ އޮޅުވާލާފައިވާ ކަމަށް އަސްކަރީ ސަރުކާރުން ކުރާތުހުމަތުތަކަށް ދެކޮޅު ހަދަމުންދާ އެގައުމުގެ އިލެކްޝަންސް ކޮމިޝަނުގެ މެމަބަރުންވެސް އަސްކަރީ ސަރުކާރުން ވަނީ ހައްޔަރު ކޮށްފައެވެ.