އަންނަ އަހަރަށް އޮޑިޓަރ ޖެނެރަލްގެ އޮފީހަށް 56 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑަައަޅާ ދިރާސާކުރުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން ފަށައިފިއެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާ ވަކިން މަޖިލީހަށް ހުށަހަޅާ ފާސްކުރަންޖެހޭ ބަޖެޓެކެވެ. ނަމަވެސް ދައުލަތުގެ ބަޖެޓް މަޖިލީހުން ފާސްކުރާއިރު އޮޑިޓް އޮފީހުގެ ބަޖެޓުވެސް ފާސްކޮށް ދައުލަތުގެ ބަޖެޓްގައި ހިމަނަންޖެހެއެވެ.
އަންނަ އަހަރަށް ލަފާކޮށް އޮޓިޓަރ ޖެނެރަލްގެ އޮފީހުން މަޖިލީހަށް 56 މިލިއަން ރުފިޔާގެ ބަޖެޓެއް ފޮނުވާފައިވީނަމަވެސް، ފިނޭންސް މިނިސްޓްރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ދީފައިވަނީ 55 މިލިއަން ރުފިޔާގެ ސީލިންއެކެވެ.
އަންނަ އަހަރު ޚަރަދުކުރުމަށް އޮޑިޓް އޮފީހުން ކަނޑައަޅާފައިވާ ބައެއް ކަންކަމުގެ ތެރޭގައި އެއޮފީހުގެ އައު ޢިމާރާތެއް އެޅުމާއި، ޑެޕިއުޓީ އޮޑިޓަރ ޖެނެރަލްގެ މަޤާމާއި، ލީގަލް ކައުންސިލްގެ މަޤާމެއް އުފެއްދުން ހިމެނެއެވެ.
ކޮމިޓީގައި މެންބަރުން ވަނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައިވާ ސީލިންގައި ހިފެހެއްޓޭނެ ގޮތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން އަލަށް އުފައްދާ މަޤާމުތަކަށް 1.4 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކޮށްފައިވާއިރު، އެމަޤާމުތައް އެއީ އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ކޮންމެހެން ބޭނުންވާ މަޤާމުތަކެއްތޯ މެންބަރުން ވަނީ މަޝްވަރާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ