މިނިވަންކަން ހޯދުމަށް ތައިވާނުން އަޅާ ކޮންމެ ފިޔަވަޅަކީ ހަގުރާމަ އިއުލާން ކުރުން: ޗައިނާ

މިނިވަންކަން ހޯދުމަށް ތައިވާނުން އަޅާ ކޮންމެ ފިޔަވަޅަކީ ހަގުރާމަ އިއުލާން ކުރުން: ޗައިނާ

Author
ހުސެއިން
30 ޖެނުއަރީ 2021 03:59
0

އެމެރިކާގެ އާސަރުކާރުން ތައިވާނަށް އޮތްތާއީދާއި އެއްބާރުލުން އަލުން ހާމަ ކުރުމާގުޅިގެން، ތައިވާނުން މިނިވަންކަން އިއުލާނުކުރުމަށް އަޅާ ކޮންމެ ފިޔަވަޅަކީ ހަގުރާމަ އިއުލާން ކުރުން ކަމުގައި ބުނެ، ޗައިނާއިން ތައިވާނަށް އިންޒާރު ދީފިއެވެ.

ޗައިނާއިން ތައިވާނަށް އިންޒާރު ދީފައިފަނީ، އެގައުމުން މިލިޓަރީ ހަރަކާތްތައް ތައިވާން ސަހަރައްދާ ކައިރީގައި އިތުރުކޮށް އަދި ތައިވާން ހިމެނޭ ސަރަހައްދުގެ ކައިރިން ހަގުރާމަމަތީ މަތިންދާ ބޯޓުތައް އުދުއްސަން ފަށާފައި ވަނިކޮށެވެ.

އަދި މީގެއިތުރުން، ޗައިނާއިން ތައިވާނަށް އިންޒާރު ދީފައިވާއިރު، އެމެރިކާގެ އާ ރައީސް ޖޯ ބައިޑްންވަނީ، އެގައުމުން ތައިވާނާއެކީގައި އޮތްކަން ހާމަކަށް، އަދި ބައިޑްގެ އޭޝިޔާ ސަރަހައްދުގެ ސިޔާސަތު ހާމަކުރައްވާފައެވެ.

އެމެރިކާއިން ވަނީ، ޗައިނާގެ މި ދިން އިންޒާމެދު ހިތާމަ ކުރާކަމަށް ބުނެ، އުފެދިފައިވާ ނުތަވަސްކަން ކުރިމަތި ލުމަކަށް ބަދަލުކުރުމުގެ ބޭނުމެއް ނެތްކަމުގައި ބުނެފައެވެ.

ޗައިނާއިން ގަބޫލުކުރަނީ، ތައިވާނަކީ، އެގައުމުން ވަކިވެގެން އުޅޭ ޕްރޮވިންސެއް ކަމުގައެވެ. އެހެންނަމަވެސް، ތައިވާނުން ގަބޫލުކުރަނީ އެގައުމަކީ، އަމިއްލަ ގާނޫނު އަސާސީއަކާ، އަމިއްލަ ދިފާއީބާރެއް އޮތުމުގެ އިތުރުން އިންޚާބީ ލީޑަރުން ވެރިންގެ ގޮތުގައި ތިބި، މިނިވަން ގައުމެއްގެ ގޮތުގައެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، ޗައިނާއިން މިހާރު ކޮންބޮޑުވަމުން ދަނީ، ތައިވާނުން އެގައުމުގެ މިނިވަންކަން އިއުލާނުކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާކަމަށް އެގައުމަށް ގަބޫލު ކުރެވިގެންނެވެ. އަދި ޗައިނާގެ މަގުސަދަކީ، ތައިވާންގެ ރައީސާ ސައި އިންގ-ވެންއަށް މިފަދަ އެއްވެސް ފިޔަވަޅެއް ތައިވާނުން އެޅުމާ ދެކޮޅަށް އިންޒާރު ދިނުމެވެ.

ޗައިނާގެ ޑިފެންސް މިނިސްޓްރީގެ ތަރުޖަމާން ވޫ ކިއާން ބުރާސްފަތި ދުވަހުވަނީ، ތައިވާން ސަރަހަދު ކައިރީގައި ޗައިނާއިން ކުރިޔަށް ގެންދާ މިލިޓަރީ ހަރަކާތްތައް ދިފާއުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ކުރިޔަށްދާ މިލިޓަރީ ހަރާކާތްތަކަކީ "ތައިވާން ސްޓްރެއިޓްގެ ސަލާމަތާ ރައްކާތެރިކަމަށްޓަކާ އަދި، ޗައިނާގެ ގައުމީ ސަލާމަތަށްޓަކާ ކޮންމެހެންވެސް މުހިންމު" ހަރަކާތްތަކެއް ކަމުގައެވެ.

"އެއީ، ބޭރުގެ ބާރުތަކުން ތައިވާނުގެ އެތެރޭގެ ކަންކަމުގެ ތެރެއަށް ވަނުން ހުއްޓުވުމަށާއި، އަދި 'ތައިވާނުގެ މިނިވަންކަމަށް ތާއީތުކުރާ ބާރުތަކުން' މަސްރަހު ހޫނުކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ދިން އިންޒާރެއް،" ތަރުޖަމާން ވިދާޅުވިއެވެ.

"ތައިވާންގެ 'މިނިވަންކަމަށް ތާއީދުކުރާ ބާރު' ތަކަށް އަހަރެމެން މި އިންޒާރު ދެނީ، އަލިފާނާ ކުޅޭ މީހުން އެއަލިފާނުން އަދައިގެން ދާނެ، ތައިވާނުގެ މިނިވަންކަމަކީ ހަގުރާމަ އިއުލާންކުރުން."

ޗައިނާ ތައިވާންގެ މައްސަލައިގެ ބައެއް އަސާސްތައް

  • 1949 ވަނަ އަހަރު، ޗައިނާގެ އަހުލީ ހަގުރާމަ ނިމިދިއުމަށްފަހު، ދެގައުމުގައިވެސް އޮންނަނީ ވަކި ދެ ސަރުކާރެކެވެ. އަދި ބެއިންޖިން އިން އަބަދުވެސް އަންނަނީ، ބައިނަލްއަގުވާމީ މަސްރަހުގައި ތައްވާނުން އަދާކުރާ ދައުރު ހަނިކުރުމަށް މަސައްކަތް ކުރަމުންނެވެ. އަދި ދެގައުމުންވެސް އަންނަނީ، ޕެސިފިކް ސަރަހައްދުގައި އޮންނަ ނުފޫޒު ގަދަކުރުމަށް މަސައްކަތް ކުރަމުންނެވެ.
  • ފާއިތުވެދިޔަ އަހަރުތަކުގައި، ދެގައުމުގެ ދެމެދުގައި އޮތް މަސްރަހުވަނީ ހޫނުވެފައެވެ. އަދި ޗައިނާއިން ވަނީ، ތައިވާން އަބުރާ އެގައުމުގެ ދަށަށް ގެނައުމަށް ހަތިޔާރުގެ ބޭނުންކުރުމަށް ފަސް ނުޖެހޭނެކަން ހާމަކޮށްފައެވެ.
  • ރަސްމީކޮށް، ތައިވާނުގެ މިނިވަންކަން ބަލައިގެންފައިވަނީ މަދު ގައުމަކުން ކަމުގައިވި ނަމަވެސް، ޑިމޮކްރަސީގެ އުސޫލުން އިންތިޚާބުކޮށްފައިވާ އެގައުމުގެ ސަރުކާރުން ގެންދަނީ، ވިޔަފާރީގެ ގުޅުންތަކއިާ އަދި ނުރަސްމީ ގުޅުންތައް ދުނިޔޭގެ އެތައް ގައުމަކާއެކު ބާއްވަމުންނެވެ.
  • އެހެނިހެން ގައުމުތަކެކޭ އެއްގޮތަށް އެމެރިކާއިންވެސް ރަސްމީކޮށް ތައިވާނާއެކީ ސިޔާސީ ގުޅުން ގާއިމް ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، އެމެރިކާގައި ފާސްކޮށްފަ އޮންނަ ގާނޫނަކުން، ތައިވާނަށް ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުން އޮންނަނީ އެމެރިކާގެ އޭރަކު އޮންނަ ސަރުކާރެއްހެ މައްޗަށް ލާޒިމް ކޮށްފައެވެ.

އެމެރިކާއިން ބުނަނީ ކީކޭ؟

ތައްިވާނުގެ މިނިވަންކަމާ ގުޅޭގޮތުން ޗއިނާއިން ދިން އިންޒާރަށް އެމެރިކާގެ އާ ސަރުކާރުންވަނީ ޖަވާބު ދީފައެވެ.

"އަހަރުމެން ދެކެނީ، ޗައިނާގެ ބަސްމަގު ހުރީ އެންމެ ރަގަޅު ގޮތުގައި ނޫންކަމަށް،" ޗައިނާ ތައިވާން ގުޅުމާބެހޭގޮތުން، އެެރިކާގެ އާސަރުކާރުން ފުރަތަމަ ފަހަރަށް ދިން ސްޓޭޓްމަންޓުގައި، ޕެންޓަގަންގެ ޕްރެސް ސެކެޓްރީ ޖޯން ކާބީ ރިޕޯޓަރުންނާ ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.

"އަހަރުމެން ނުދެކެން، ތައިވާންގެ މައްސަލާގައި އުފެދިފައިވާ އުދާސްތައް ކުރުމަތިލުން ތަކަކަށް ބަދަލުވާންޖެހޭ އެއްވެސް ސަބަބެއް އޮތްކަމަކަށް،" އޭނާ އިތުރަށް ވިދާޅުވިއެވެ.

ބައިޑްން 2013 ވަނަ އަހަރު ޗައިނާގެ ރައީސާ ބައްދަލު ކުރައްވަނީ

ޗައިނާއާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ފަހަކަށްއައިސް ވަރަށް ބޮޑަަށް ގޯސްވަމުން އައިސްފައިވި ނަމަވެސް، ބެލެވޭ ގޮތުގައި، ތައިވާންގެ މައްސަލައާއި، އިންސާނީ ހައްގުތަކާ އަދި ވިޔަފާރީގެ މައްސަލަތަކުގައި އެމެރިކާއިން ޗައިނާއަށް ކުރަމުން އައިސްފައިވާ ޕްރެޝަން އެގައުމުން ދަމަހައްޓާނެއެވެ.

ތައިވާންގެ މެއިންލޭންޑް އެފެއާޒް ކައުންސިލުން ބުނެފައިވަނީ، ތައިވާނުގެ ޑިމޮކްރަސީއާއި، މިނިވަންކަމާ އިސްތިގުލާލް ދިފާއުކުރުމަށް އެގައުމަށް ލިބިގެންވާ ގާބިލްކަމާމެދު ޗައިނާއިން ނުބައިކޮށް ހިސާބު ޖަހައިގެން ނުވާނެކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.