އިންޑިއާގެ ދަނޑުވެރިކަމާބެހޭ ގާނޫނަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން ގެނެސްފައިވާ ބަދަލުތައް އުވާލުމަށް ގޮވާލާ، ފާއިތުވެދިޔަ 2 މަސްދުވަހު ހުއްޓުމެއް ނެތި މުޒާހަރާ ކުރަމުންދާ ފަރާތްތަކާ އެއްބައިވުމުގެ ގޮތުން، ގާނޫނު ހަދާ މަޖިލީހުން ބަޖެޓް ސެޝަންތައް ފެށުމުގެގޮތުން ބޭއްވި ފުރަތަމަ ޖަލްސާ، އިންޑިއާގެ އިދިކޮޅު ޕާޓީތަކުން ބޮއިކޮޓް ކޮށްފިއެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ، ކޮންގްރެސް ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "ބޮޑުވަޒީރު މޯދީގެ ސަރުކާރުން، ދަނޑުވެރިންގެ ޑިމާންޑްތަކަށް ބީރު ކަންފަތެއްދީ އަދި އެގައުމުގެ ދަނޑުވެރިންގެ އަގުވައްޓާލުމަށް ކުރަމުންދާ މަސައްކްތަތަކާ ގުޅިގެން،" އިދިކޮޅު 16 ޕާޓީއަކުން، އިންޑިއާގެ ރައީސްގެ ރިޔާސީ ބަޔާން ބޮއިކޮޓް ކޮށްފައިވާ ކަމުގައެވެ.
އިންޑިއާގެ ރައީސް، ރާމް ނާތު ކޯވިންދު، ބަޖެޓުގައި ހިމަނަންޖެހޭ މުހިންމު ކަންކަން ބަޔާންކޮށް ގާނޫނު ހަދާ މަޖިލީހަށް ދެއްވާފައިވާ ރިޔާސީ ބަޔާން ގިނައަދަދެއްގެ ސިޔާސީ ޕާޓިއަކުން ބޮއިކޮޓް ކުރިއެވެ.
ބަޖެޓް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވަނީ ހޯމަ ދުވަހުއެވެ.
އާމް އާދުމީ ޕާޓީގެ މެމްބަރެއްކަމުގައިވާ ސަންޖޭ ސިންގ ވިދާޅުވެފައިވަނީ، އެޕާޓީންވަނީ، ޝިއާރުތައް ބޭނުންކޮށްގެ، އިންޑިއާގެ ރައީސް ރިޔާސީ ބަޔާން އިއްވި ދުވަހު ނުރުހުން ފާޅުކޮށްފައި ކަމުގައެވެ.
"އަހަރުމެންނަށް ގާނޫނު ހަދާ މަޖިލިހުގެ ސެންޓްރަލް ހޯލާ ހަމައަށް ދާން ފުރުސަތެއް ނުދިން، އެހެންކަމުން އަހަރުމެން ޝުއޫރު ފާޅުކޮށްފައިވަނީ އިމާރާތަށް ވަން ދޮރު ކައިރީގައި ތިބެގެން. ދަނޑުވެރިންނަކީ ޚާއިނުން ކަމުގައި އެމީހުން ދަނީ ސިފަކުރަމުން، އެއީ އަހރުމެން މި ޖަލްސާ ބޮއިކޮޓް ކުރި ސަބަބަކީ،" އޭނާ އިތުރަށް ވިދާޅުވިއެވެ.
"ދަނޑުވެރިންގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ޖެހޭނީ އުވާލަން."
Delhi: Rashtriya Loktantrik Party (RLP) MP Hanuman Beniwal showed a placard and raised slogans, demanding the repeal of the three farm laws, during the President's Address in the Parliament today.
(Source: Hanuman Beniwal) pic.twitter.com/bnsMH9byoT
— ANI (@ANI) January 29, 2021
އިންޑިއާގެ ޔޫނިއަން މިނިސްޓްރ ރަވީ ޝަންކަރު ވިދާޅުވެފައިވަނީ، "އިދިކޮޅު ހުރިހާ ފަރާތަކުން ރައީސްގެ ރިޔާސީ ބަޔާން ބޮއިކޮޓް ކޮށްފައިވާކަމީ ހިތާމަކުރާ ކަމެއް" ކަމުގައެވެ.
ގާނޫނު ހަދާ މަޖިލީހަށް އިއްވި ރިޔާސީ ބަޔާނުގައި އިންޑިއާގެ ރައީސް ކޯވިންދު ވިދާޅުވެފައިވަނީ، ފާއިތުވެދިޔަ ހަފްތާގެ އަންގާރަ ދުވަހު، ދަނޑުވެރިންގެ މުޒާހަރާގައި ހިގާފައިވާ ހަމަނުޖެހުންތަކާމެދު "ހިތާމަ ކުރާ" ކަމަށެވެ. އަދި ވިދާޅުވެފައިވަނީ، ޑިމޮކްރަސީގައި ހުރިހާ އެންމެންވެސް ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށެވެ.
ފާއިތުވެދިޔަ ހުކުރު ދުވަހުވެސް، ދަނޑުވެރިންނާ އަދި އެމީހުންނާ ދެކޮޅަށް ޝުއޫރު ފާޅުކޮށް އަދި ފުލުހުންނަށް ތާއީދުކޮށް އަޑުއުފުލި ގްރޫޕަކާ ދެމެދު، ސިންހު ބޯޑަރު ކައިރީގައިވަނީ ހަމަނުޖެހުންތަކެއް ހިގާފައެވެ. މިއީ ފާއިތުވެދިޔަ ނޮވެމްބަރުމަހު، މިމުޒާހަރާތައް އެންމެ ފުރަތަމަ ފެށިގެން ދިޔަ އެއް ސަރަހައްދެވެ. މިސަރަހައްދުގައި ހިގި ހަމަނުޖެހުންތައް ފުލުހުން ރޫޅާލީ ކަރުނަގޭސް ބޭނުން ކޮށްގެންނެވެ.
ދަނޑުވެރިން މެދުނުކެޑި މުޒާހަރާ ކުރަމުންދާތާ 2 މަސް
އިންޑިއާ ސަރުކާރުން ބުނެފައިވަނީ، ދަނޑުވެރިކަމުގެ ސިނާއަތަށް ބޮޑުވަޒީރު މޯދީގެ ސަރުކާރުން މިހާރު ގެންނަމުންދާ ބަދަލުތަކުން އެސިނާއަތު އިތުރަށް މިނިވަންވެގެން ދާނެ ކަމުގައެވެ. އެހެންނަމަވެސް، ދަނޑުވެރިން ބުނަމުންދަނީ، މިބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން އެމީހުނަށް މިހާރު ލިބެމުންދާ އާމްދަނީ އެތައް ގުނައަކުން ދަށްވެގެން ދާނެއެވެ.
އިންޑިއާގެ ސަރުކާރުން ދަނޑުވެރިކަމާ ބެހޭ ގާނުނަށް ގެނެސްފައިވާ ބަދަލުތައް އުވާލުމަށް ގޮވާލާ އެތައްހާސް ދަނޑުވެރިން މިހާތަނަށް ގެންދިޔައީ، ނިއު ދިއްލީގެ ރަށް ބޭރުގައި، ފާއިތުވެދިޔަ ނޮވެމްބަރު މަހުންފެށިގެން މުޒާހިރާ ކުރަމުންނެވެ. އަދި އެމީހުންވަނީ، މި އިސްލާހުތަކަށް އަމަލުކުރުން މަޑު ޖައްސާލުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުންތަކާވެސް ދެކޮޅު ހަދާފައެވެ.
މި މުޒާހަރާތަކަކީ، އިންޑިއާގެ ތާރީޚުގައިވެސް، މެދުނުކެޑި އެންމެ ދިގުމުއްދަތަކަށް ދަނޑުވެރިން ކުރަމުންދާ މުޒާހަރާތަކެވެ. އަދި މިމުޒާހަރާތަކުގެ ނަތީޖާއެއްގެ ގޮތުން، ދަނޑުވެރިކަމުގެ ސިނާއަތުގެ ތެރޭގައި ބޮޑުވަޒީރު މޯދީއާއި ވެރިކަން ކުރާ ބީޖޭޕީ ޕާޓީއަށްއޮތް ތާއީދުވެސް ވަނީ އެތައް ގުނައަކުން ދަށަށް ގޮސްފައެވެ.
ފާއިތުވެދިޔަ ހަފްތާގައި ފާހަގަކުރި އިންޑިއާގެ ޖުމުހޫރީ ދުވަހާ ދިމާކޮށް ދަނޑުވެރިން އިންތިޒާމްކުރި މުޒާހަރާތައް، ދިއްލީގެ މެދުތެރޭ ސަރަހައްދުތަކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖުމުހޫރީ ދުވަހުގެ އިފްތިހާލްތަކަށް ދަތި ނުވާނޭގޮތުގެމަތިން ކުރިޔަށް ގެންދިއުމަށް ދިއްލީގެ ފުލުހުންނާ އެކީ މުޒާހަރާގެ އިސްވެރިން ބޭއްވި މަޝްވަރާތަކަށްފަހު އެއްބަސްވި ނަމަވެސް، މުޒާހަރާ ކުރިފަރާތްތަކުން ވަނީ، ދަތުރުކުރަމުންދިޔަ މަގުތަށް ބަދަލުކޮށް، އެންމެ ފަހުން، އަގައުމުގެ ތާރީޚީ ބިނާއެއް ކަމުގައިވާ، 16 ވަނަ ގަރުނުގައި ބިނާކޮށްފައިވާ، "ރެޑް ފޯޓް" (ރަތް ބިނާ) އިމާރާތް ހިމެނޭ ސަރަހަދުތެރެއަށް ވަދެގެންފައެވެ.
ފުލުހުންގެ ސަފުތައް ފޫއަޅުވާލުމަށްފަހު، މިއިމާރާތުގެ ސަރަހައްދުގެ ތެރެއަށް ވަދެގަނެ، މުޒާހަރާގެ ބައިވެރިންވަނީ، ތާރީޚީ ބިނާގެ ގުއްބު މައްޗަށް އަރާ، އިންޑިއާގެ ގައުމީ ދިދައާއި އިންވެގެން މުޒާހިރާގެ ދިދަވެސް ނަގާފައެވެ.
ގާނޫނަށް ގެންނަ ބަދަލުތައް ގެނައީ ދަނޑުވެރިންނާ މަޝްވަރާ ނުކޮށް
އިންޑިއާ ސަރުކާރުން ގެންދަނީ އެގައުމުގެ ދަނޑުވެރިކަމުގެ ސިނާއަތަށް ބޭނުންވާ އިސްލާހީ ގިނަގުނަ ބަދަލުތަކެއް ގެންނަމުންނެވެ. އަދި މިބަދަލުތަކަކީ ކޮންމެހެންވެސް އިންޑިއާގެ އިގްތިސާދަށް ބޭނުންވެފައިވާ އިސްލާހުތަކެއް ނަމަވެސް، އިގްތިސާދީ ތަޖުރިބާކާރުން ބުނަމުންދަނީ އިގްތިސާދީ މި ބަދަލުތައް، ދަނޑުވެރިންނާ އެކަށީގެންވާ ގޮތެއްގައި މަޝްވަރާނުކޮށް ގެނެވިފައިވާ ކަމީ ސަރުކާރަށް ހެދިފައިވާ ވަރަށް ބޮޑު ގޯހެއްކަމުގައެވެ.
އިންޑިއާގެ އާބާދީގެ %50 އަކީ ދަނޑުވެރިކަމުގެ މަސައްކަތް ކުރާ މީހުންނެވެ. އަދި މި ދަނޑުވެރިންނަށް ސަރުކާރުން ކޮންމެ އަހަރަކުވެސް ސަބްސިޑީގެ ގޮތުގައި ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެއެވެ. އަދި އިންޑިއާގެ ދަނޑުވެރިންނަށް އިންކަމް ޓެކްސް އާއި އިންޝޫރަންސް ފީވެސް ދައްކަން ނުޖެހޭއިރު، ދަނޑުވެރިކަމުން އުފައްދާތަކެތި ވިއްކައިގެން ލިބޭ އެންމެ ދަށް އާމްދަނީއެއްވެސް އިންޑިއާ ސަރުކާރުން ހަމަޖައްސާފައި އޮވެއެވެ. އަދި ދަޑުވެރިންގެ ލޯނުތަކަށްވެސް ކޮންމެ އަހަރަކުވެސް ބޮޑެތި ލުއިތަކެއް ސަރުކާރުން ފޯރުކޮށްދެއެވެ.