ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތަކީ ފާސިޤުންކަމަށް ބެލެވޭއިރު، އެދެމީހުންގެ ހެކިބަސް ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާކަމަށް ފަނޑިޔާރު ހުސެއިން ޝަހީދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ހައިކޯޓްގައި އިސްތިއުނާފްކުރުމުން އެމައްސަލައިގެ ޙުކުމް އިއްވުމަށް ބޭއްވި ޝަރީޢަތުގައި ފަނޑިޔާރު ޝަހީދުގެ ރައުޔު އިއްވަމުން ޝަހީދު ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި 1 މިލިއަން ޑޮލަރުގެ މައްސަލާގައި، ރައީސް ޔާމީން އަމަލުކުރެއްވި ގޮތުން، އެކަމުގައި ނުބައި ނިޔަތެއް ނެތްކަން އެނގޭކަމަށެވެ. ފަނޑިޔާރު ވިދާޅުވީ، ރައީސް ޔާމީން އަމިއްލަފުޅަށް އެދިވަޑައިގެން އެސްކްރޯ އެކައުންޓެއް އުފައްދަވައި އެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރެއްވުމުން އެމަނިކުފާނުގެ ނުބައި ނިޔަތެއް ނެތްކަން އެނގޭކަމަށެވެ.
ފަނޑިޔާރު ޝަހީދުގެ ރަޢުޔުގައި އެސްކްރޯ އެކައުންޓައި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބޭނުންވެއްޖެ ހިނދެއްގައި ދައުލަތަށް އެއް މިލިއަން ޑޮލަރު ނެގޭކަން އެއްބަސްވުމުގައި ބަޔާންކުރާއިރު، އެކޮމިޝަންގެ އޭރުގެ ނާއިބު ރައީސް މުޢައްވިޒް ރަޝީދުގެ ހެކިބަހުން އެކަން އެނގޭކަން ފާހަގަކުރެވޭކަމަށެވެ. އަދި ޝަހީދު ވަނީ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ކޮށްފައިވަނީ ސައްޙަ ވިޔަފާރިގެމުއާމަލާތެއްކަމަށާއި، އެއީ ސައްޙަ ނޫން ވިިޔަފާރިއެއެއްކަން ނުވަތަ ކުށް ކޮށްގެން ހޯދާފައިވާ ފައިސާއެއް އެކުންފުނީގެ އެކައުންޓަށް ވަދެފައިވާކަން ދައުލަތަށް ސާބިތުކޮށް ދެވިފައިނުވާކަމަށްވެސް ފަނޑިޔާރު ޝަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ފަނޑިޔާރު ޝަހީދު ވިދާޅުވީ، ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ހެކިންގެ ގޮތުގައި ހުށައަޅާ ހެކިބަސް ނަގާފައިވާ ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބް ޢަބްދުލްޣަފުރާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޒިޔަތަކީ ފާސިޤުންކަމަށް ބެލެވޭއިރު، އެދެމީހުންގެ ހެކިބަސް ބަލައިގަނެވޭނެ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އެހެންކަމުން އެދެމީހުންގެ ހެކިބަސް ރައީސް ޔާމީންނާއި ދެކޮޅަށް ބަލައިނުގަނެވޭނެކަމަށްވެސް ފަނޑިޔާރު ޙުސައިން ޝަހީދު ވިދާޅުވިއެވެ. ފަނޑިޔާރު މިހެން ވިދާޅުވެފައިވާއިރު، ރައީސް ޔާމީންގެ ރައީސް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި އަޙްމަދު އަދީބާއި، ޢަބްދުﷲ ޒިޔަތުގެ ހެކިބަސް ބަލައި ނުގަނެވޭނެކަން ފާހަގަކުރައްވާފައިވެއެވެ.
ރައީސް ޔާމީނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ދަމަހައްޓަން ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ. ހައިކޯޓުންވަނީ ރައީސް ޔާމީނުގެ އެކައުންޓަށް އެސްއޯއެފުން ޖަމާކުރި ފައިސާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމުގައި ބެލެވޭނެ ފަދަ ހާލަތެއް އޮތުމާއެކު މަނީ ލޯންޑަރިންގެ ކުށުގެ ފުރަތަމަ އުންޞުރު ފުރިހަމަވެފައިވާ ކަމަށް ހުށަހަޅާފައިވާ ހެކީގެ އަލީގައި ސާބިތުވާ ކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިން ކުށް ސާބިތުވެ ފަސްއަހަރަށް ޖަލަށްލުމާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލްކޯޓުން ހުކުމްކުރީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މިހުކުމް އިއްވާފައިވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ކުރީގެ ރައީސް ޔާމިންގެ އެކައުންޓަށް ޖަމާކުރި މައްސަލާގައެވެ. އަދި އެސްއޯއެފުން ޖަމާކުރި މި ފައިސާ އޭސީސީއާއި އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެޑައިގަތުމަށްފަހު އެ ފައިސާ ވަނީ އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ ކުރީގެ ރައީސް ޔާމީންގެ އަމިއްލަ އެކައުންޓަކަށް އޭސީސީއަށް ނޭގި ބަދަލުކުރައްވާފައެވެ. އަދި އެކަން އެގޮތަށް ކުރައްވާފައިވަނީ ފައިސާގެ އަސްލު އޮޅުވާލަންކަމަށް ޝަރީއަތަށް ވަނީ ސާބިތުވެފައެވެ.
ކޮމެންޓު ފޮނުވާ