އެސްޓްރަޒެނެކާގެ 7 ލައްކަ ވެކްސިން ޑޯޒް ރާއްޖެއަށް ލިބޭނެ: ޑރ.ނަޒްލާ

އެސްޓްރަޒެނެކާގެ 7 ލައްކަ ވެކްސިން ޑޯޒް ރާއްޖެއަށް ލިބޭނެ: ޑރ.ނަޒްލާ

Author
މުޙައްމަދު ޖިމީ
20 ޖެނުއަރީ 2021 05:23
0

އިނގިރޭސިވިލާތުގެ އޮކްފޯޑް ޔުނިވާސިޓީއާއި، އެސްޓްރަޒެނެކާ ގުޅިން އުފައްދާފައިވާ ކޯވިޑް ވެކްސިންގެ ހަތްލައްކަ ޑޯޒް ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާކަމަށް ހެލްތު އިމެސެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ31 ވަނަ ދުވަހު ސަރުކާރުން ބުނެފައިވަނީ ރާއްޖެއަށް ވެކްސިން ގެނައުމަށް ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރ ޕީ.ޓީ.އީ. އެލް.ޓީ.ޑީ.އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށެވެ. މިއަދު ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން އެޗްއީއޯސީގެ ތަރުޖަމާނު އަދި ނެޝެނަލް އިމިއުނިޒޭޝަން ޕްރޮގްރާމުގެ ހެޑް ޑރ. ނަޒްލާ ރަފީޤު ވިދާޅުވީ، ކޮވެކްސް ފެސިލިޓީގެ ތެރެއިންނާއި، ސަރުކާރުން ގެނައުމަށް ހަމަޖެހިފައިވާ ވެކްސިން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެެވެ. ރާއްޖެއަށް ކޯވިޑް-19ގެ ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް މިއަދު ވަނީ ރާއްޖެ ގެނެސްދައެވެ. އިންޑިއާއިން ހަދިޔާކުރި "ކޮވިޝީލްޑް" ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީއާއި އެކްސްޓްރާޒެނެކާގެ ރިސަރޗްގެ މައްޗަށް ބިނާކޮށް އިންޑިއާގެ ސެރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ، އެސް.އައި.އައި ކުންފުނިން އުފައްދާ ވެކްސިނެކެވެ.

ރާއްޖޭގައި ވެކްސިން ޖެހުމުގައި ހަރަކާތްތެރިވާނީ އެކަމުގެ ތަމްރީން ލިބިފައިވާ ފަރާތްތަކުންކަމަށާއި ވެކްސިންގެ ސަބަބުން ދިމާވެދާނެ ސައިޑްއިފެކްޓްސްތަކަށްވެސް ތައްޔާރުވެފައިވާކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވީހާވެސް އަވަހަކަށް ރަނގަޅަށް ތައްޔާރުވެގެން ވަރަށް ފުރިހަމައަށް ވެކްސިނޭޝަން ޕްރޮގްރާމް ގެންދިއުމަކީ އަޅުގަނޑުމެންގެ އަމާޒު

– ނެޝެނަލް އިމިއުނިޒޭޝަން ޕްރޮގްރާމުގެ ހެޑް ޑރ.ފާޠިމަތު ނަޒްލާ ރަފީޤް

މިއަދު އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި އެސްޓްރަޒެނެކާގެ ވެކްސިނަކީ މިވަގުތު ތައްޔާރުކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން އެންމެ އެކަށޭނެ އަދި ރައްކާކުރުމަށް އެންމެ ފަހި ވެކްސިން ކަމުގައި ދުނިޔޭގެ ގިނަ ޤައުމުތަކުންވެސް ފާހަގަކުރެއެވެ. އެގޮތުން މިވެކްސިންއާއި އެންމެ ވާދަވެރިކޮށް ބާޒާރަށް ނެރުމަށް މަސައްކަތްކުރަމުން އަންނަ ފައިޒާ ވެކްސިންއާއި ޚިލާފަށް، މިވެކްސިން ޢާއްމު ޓެމްޕަރޭޗަރގައި ރައްކާކުރެވެއެވެ.

ރާއްޖޭގައި ކޯވިޑް-19ގެ ވެކްސިން ޖެހުމުގައި މިވަގުތު އެންމެ އިސްކަން ދޭ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ސިއްޙީ ޚިދުމަތްދޭ ފަރާތްތަކާއި، ސޯޝަލް ކެއަރގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އުމުރުން 50 އަހަރަށްވުރެ މަތީގެ ބޭފުޅުންނާއި 50 އަހަރާއި 18 އަހަރާއި ދެމެދުގެ ހައި ރިސްކް މީހުންނާއި، ޓީޗަރުންނާއި ޕޮލިހުންނާއި، ސިފައިންގެ އިތުރުން ޓްރެވަލް އިންޑަސްޓްރީ ފަދަ ބައްޔަށް ފަސޭހައިން ހުށަހެޅޭ ފަރާތްތަކެވެ. އަދި މިވަގުތު ކުޑަކުދިންނާއި މާބަނޑު މީހުންނަށް ވެކްސިން ނުދޭނެކަމަށްވެސް ސަރުކާރުން ހާމަކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.