ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއާ މިއަދު ނިއުދިއްލީގައި ބައްދަލުކުރައްވައިފިއެވެ. މިނިސްޓަރު މިވަގުތު އިންޑިއާގައި ހުންނެވީ އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރުއޭ)ގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވުމަށެވެ.
ބައްދަލުވުމަށްފަހު 'އެކްސް’ގައި ލިޔުއްވި ޕޯސްޓެއްގައި އިރުތިޝާމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅުގައި، ރާއްޖެއަކީ އިންޑިއާގެ އިހްލާސްތެރި އެކުވެރިއެއްގެ ގޮތުގައި ދެމިހުންނާނެ ގައުމެއްކަމުގެ ޔަގީންކަން ބޮޑުވަޒީރަށް އަރުވާފައިވާ ކަމަށެވެ. އިތުބާރާއި އިހްތިރާމާއި ފަހުމްވުމުގެ މައްޗަށް ބިނާވެފައިވާ އަވަށްޓެރިކަމުގެ ގުޅުން ދެމެހެއްޓުމަށް ރާއްޖެއިން ޒިންމާދާރު ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރާނެ ކަމަށްވެސް އިރުތިޝާމް ވިދާޅުވި އެވެ.
ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ބޮޑުވަޒީރު މޯދީ ދައްކަވާ ސަމާލުކަމަށް މިނިސްޓަރު ޝުކުރު އަދާކުރެއްވި އެވެ. އަދި އިންޑިއާގެ ގާތް އެކުވެރިކަމަކީ ރާއްޖެއިން ވަރަށް މާތްކޮށް ދެކޭ ކަމެއް ކަމަށް ވިދާޅުވި އެވެ.
ދެ ގައުމު ގުޅިގެން ކުރިއަށް ގެންދާ ތަރައްގީގެ މަސައްކަތްތަކާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން އިރުތިޝާމް ވިދާޅުވީ، ތިލަމާލެ ބްރިޖް މަޝްރޫއަކީ ދެ ގައުމު އެކުގައި މަސައްކަތްކޮށްގެން ހާސިލްކުރެވޭނެ ކަންކަމުގެ ފުރިހަމަ މިސާލެއް ކަމަށެވެ. އަދި ރައްޔިތުންނަށް ފައިދާހުރި ނަތީޖާތައް ހޯދައިދިނުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތު ދައްކުވައިދޭ މަޝްރޫއެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ