ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވު، ވިދިވިދިގެން ހަތަރު މަސް ދުވަހު ދަށްވުމަށް ފަހު، އޮކްޓޫބަރު މަހުގެ ނިޔަލަށް 183.6 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޝާއިޢުކުރި ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ސެޕްޓެމްބަރު މަހު 169.8 މިލިއަން ޑޮލަރުގައި ހުރި ބޭނުންކުރެވޭ ރިޒާވަށް 13.8 މިލިއަން ޑޮލަރު އިތުރުވެފައިވާއިރު، މިއީ ގާތްގަނޑަކަށް އަށް ޕަސެންޓުގެ ކުރިއެރުމެކެވެ. ޖޫން މަހަށް ފަހު ރިޒާވު މައްޗަށް ދިޔަ ފުރަތަމަ ފަހަރަކީ ވެސް މިއީ އެވެ. އެ މަހު ރަސްމީ ރިޒާވު ވެސް 51.4 މިލިއަން ޑޮލަރު އިތުރުވެ، 599.2 މިލިއަން ޑޮލަރަށް އަރާފައިވެ އެވެ. ބޭރު ފައިސާގެ އެހެނިހެން އެސެޓުތަކުގައި ހުރި 144.4 މިލިއަން ޑޮލަރު ހިމަނައިފިނަމަ، ޖުމްލަ ރިޒާވު ހުރީ 743.6 މިލިއަން ޑޮލަރުގަ އެވެ.
ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ދައްކަންޖެހޭ ބޭރު ފައިސާގެ ކުރު މުއްދަތުގެ އިލްތިޒާމުތައް 560 މިލިއަން ޑޮލަރާ ހަމައަށް އަރާއިރު، ބޭނުންކުރެވޭ ރިޒާވު ހިސާބުކުރަނީ މި އަދަދު ރަސްމީ ރިޒާވުން އުނިކޮށްގެންނެވެ.
ކުރިއެރުމެއް ލިބުނު ނަމަވެސް، މި އަހަރުގެ މާޗު މަހު ރެކޯޑުކުރި 409 މިލިއަން ޑޮލަރާ އަޅާބަލާއިރު ބޭނުންކުރެވޭ ރިޒާވު އަދިވެސް ހުރީ 55 ޕަސެންޓު ދަށުގަ އެވެ. ރިޒާވު ވަރަށް ބޮޑަށް ވެއްޓުނީ މާޗު މަހަށް ފަހު، ސަރުކާރުން ބޮޑު ސުކޫކެއް އަނބުރާ ދެއްކުމާ ގުޅިގެންނެވެ. ޖޫން މަހު 248.9 މިލިއަން ޑޮލަރުގައި ހުރި ބޭނުންކުރެވޭ ރިޒާވު ސެޕްޓެމްބަރު މަހުގެ ނިޔަލަށް 169.8 މިލިއަނަށް ވެއްޓިފައިވެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރާ އަޅާބަލާއިރު ވެސް ބޭނުންކުރެވޭ ރިޒާވު ފަސް ޕަސެންޓު ދަށްވެފައިވާއިރު، ރަސްމީ ރިޒާވު 31 ޕަސެންޓު ވެއްޓިފައިވެ އެވެ.
ކޮމެންޓު ފޮނުވާ