އިޒްރޭލުގެ ވަގުތީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ބޮޑުވަޒީރުކަން ބަދަލުވާ އުސޫލުން ހިންގޭނެ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލަން ހުށަހަޅާފަ އެވެ. އޭނާގެ ހުށަހެޅުމަކީ ދައުރުގެ ފުރަތަމަ ބައިގައި އިދިކޮޅު ލީޑަރު ގާދީ އައިޒެންކޮޓް ބޮޑުވަޒީރުކަން ކުރުމާއި، އެ މުއްދަތުގައި ނަތަންޔާހޫ 'އަލްޓަނޭޓް' ބޮޑުވަޒީރުގެ ގޮތުގައި ހުރުމެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ނަތަންޔާހޫ ބުނީ، ހުރިހާ ކަމެއް އެއްފަރާތްކޮށް މި ހުށަހެޅުން ހުށަހެޅީ ލީޑަރެއްގެ ހައިސިއްޔަތުން އޭނާގެ މައްޗަށް އޮތް ޒިންމާ އަދާކުރުމަށް ކަމަށެވެ.
ނަތަންޔާހޫގެ މި ހުށަހެޅުން އައީ، އިތުރު މުހުލަތެއް ނުހޯދައި، ސަރުކާރު އެކުލަވާލުމުގެ ސުންގަޑި ކަމަށްވާ ޑިސެމްބަރު 6 ގެ ކުރިން އާ ސަރުކާރު އިއުލާންކުރާނެ ކަމަށް އައިޒެންކޮޓް ބުނުމުން އެވެ. އިއްޔެ ނެރުނު ބަޔާނެއްގައި އައިޒެންކޮޓް ވަނީ، އާ އިންތިހާބަކަށް ދިއުމުގެ ބޭނުމުގައި ލިކޫޑް ޕާޓީން މަޝްވަރާތައް ދިގުދަމާ ކަމަށް ތުހުމަތުކޮށްފަ އެވެ.
ނަތަންޔާހޫގެ ހުށަހެޅުމަށް އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ. ކުރީގެ ބޮޑުވަޒީރު ޔައިރު ލަޕިޑް ބުނީ، މިއީ ކޮންމެ ބައިވެރިއަކަށް ވެސް އޮޅުވާލާ މީހެއްގެ އިތުރު މަކަރުވެރި ރޭވުމެއް ކަމަށެވެ. ޖޮއިންޓް ލިސްޓުގެ ލީޑަރު ޔޫސުފް ޖަބާރީން ވިދާޅުވީ، އަންނަ ހަފުތާގެ ތެރޭގައި ނަތަންޔާހޫ މަގާމުން ދުރުކުރަން ޖެހޭ ކަމަށެވެ.
އައިޒެންކޮޓްގެ ޔަޝާރު ޕާޓީން މިހާތަނަށް ޑިމޮކްރެޓްސް ޕާޓީއާއި އިޒްރޭލް ބެއިޓެއިނޫ ޕާޓީއާ އެކު ކޯލިޝަން އެއްބަސްވުން ހަދާފައި ވީ ނަމަވެސް، އެ ތިން ޕާޓީއަށް ލިބެނީ 36 ގޮނޑި އެވެ. 120 ގޮނޑީގެ ޕާލަމެންޓުގައި އަޣުލަބިއްޔަތު ހޯދަން ބޭނުންވަނީ 61 ގޮނޑި އެވެ. ރާމް ޕާޓީގެ ލީޑަރު މަންސޫރު އައްބާސް މިއަދު ހަމާސްއަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ގަބޫލުކުރާނެ ކަމަށް ބެލެވޭއިރު، އެއީ އެ ޕާޓީ އައިޒެންކޮޓްގެ ކޯލިޝަނުގައި ބައިވެރިވުމަށް މަގުފަހިވާނެ ކަމެއް ކަމަށް އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ. — އޭއެފްޕީ
ކޮމެންޓު ފޮނުވާ