19،000 މީހުންނަށް ޖާގަ ލިބޭ ބީ.އޯ.ކޭ ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޝޯގެ ހުރިހާ ޓިކެޓެއް ވިކި ހުސްވެފައި ވަނިކޮށް، ޝޯ ކެންސަލްކުރިކަން އިއުލާންކުރީ ފެށުމަށް ދެ ގަޑިއިރު ވާންދެން އޮއްވައެވެ.
ޓަލްސާ ފުލުހުންގެ ކެޕްޓަން ރިޗަޑް މިއުލެންބާގް ވިދާޅުވީ، ކޮންސެޓުގައި ބަޑިޖަހައި ބޮން ގޮއްވާނެ ކަމަށް ބުނެ މީހަކު ފޯނުން ގުޅައި އިންޒާރުދިން ކަމަށެވެ. ނަމަވެސް، އެއީ ހަގީގީ ނުރައްކަލެއްކަން ދައްކާނެ ހެއްކެއް ނުފެންނަ ކަމަށް ފުލުހުން ބުންޏެވެ.
އުމުރުން 27 އަހަރުގެ ލެންގްލީ ބުނީ، މިއީ ނިންމަން އުނދަގޫ ނިންމުމެއް ނަމަވެސް ސަޕޯޓަރުންނާއި، މުވައްޒަފުންނާއި، އޭނާގެ ޓީމުގެ ރައްކާތެރިކަމަށްޓަކައި މި ފިޔަވަޅު އެޅީ ކަމަށެވެ. ސަޕޯޓަރުންގެ ކިބައިން މައާފަށް އެދުނު އޭނާ، ޓިކެޓުގެ ފައިސާ އަނބުރާ ދިނުމާ ބެހޭ މައުލޫމާތު އަވަހަށް ހިއްސާކުރާނެ ކަމަށް ވެސް ބުންޏެވެ.
އެލަބާމާ އަށް ނިސްބަތްވާ ލެންގްލީ، މިދިޔަ ސެޕްޓެމްބަރު މަހު ވަނީ އޭނާގެ ލަވަ "ޗޫސިން ޓެކްސަސް" އިން، އެމެރިކާގެ ޗާޓުގައި އެންމެ ގިނަ ދުވަހު އެއްވަނައިގައި އޮތް ލަވައިގެ ރެކޯޑު، މަރާޔާ ކެރީގެ ކިބައިން ހޯދާފައެވެ.
ކޮމެންޓު ފޮނުވާ