ލޯކަލް ކައުންސިލް އިންތިޚާބާގުޅޭގޮތުން އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ސިވިލްކޯޓަށް މިއަދު ހުށަހަޅަން މަސައްކަތްކުރި މައްސަލަ ބަލައި ނުގަތުމަށް އެކޯޓުން ނިންމާފައިވާކަމަށް، އިދިކޮޅުކޯލިޝަންގެ ގާނޫނީ ޓީމުން ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކޯލިޝަންގެ ގާނޫނީ ޓީމުން ވިދާޅުވީ އެ ފަރާތުން ސިވިލްކޯޓަށް ހުށަހަޅަން މަސައްކަތްކުރީ ހަމަހަމަ ގޮތެއްގައި އިދިކޮޅުގެ ކެނޑިޑޭޓުންނަށް އިންތިހާބަށް ކެމްޕެއިން ކުރުމަށް ފުރުސަތު ނުލިބޭ މައްސަލަ ކަމަށާއި މިއީ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގެއްކަމަށެވެ. އަދި ސިވިލް ކޯޓުން މައްސަލަ ބަލައި ނުގަތުމުން ކޯޓުގެ ރެޖިސްޓަރާ އާވެސް ބައްދަލު ކުރައްވާފައި ވާކަމަށެވެ.
ނަމަވެސް މައްސަލަ ކޯޓުން ބަލައި ނުގަތް ސީދާ ސަބަބެއް ވަކީލުން ހާމައެއް ނުކުރައްވައެވެ.
ޕީޕީއެމް ޕީއެންސީގެ ވަކީލުން ވިދާޅުވީ އިދިކޮޅުގެ ކެނޑިޑޭޓުންނަށް ކެމްޕޭން ކުރުމުގެ ފުރުސަތު ނުލިބޭއިރު، ސަރުކާރުގެ އިސް ވެރިންނާއި ކުންފުނިތަކުގެ ވެރިން އެކިއެކި ނަންނަމުގައި ރަށްރަށަށް ދަތުރުކޮށް މިހާރުވެސް ލޯކަލްކައުންސިލްގެ އިންތިހާބުގެ ކެމްޕެއިން ކުރައްވަމުން ގެންދަވާކަމަށެވެ. އަދި އިދިކޮޅަށް އެފުރުސަތު ނުދީ ގާނޫނު އަސާސީގެ އަސާސްތައް ފުނޑާލަމުންދާ މަންޒަރު މިއަދު ފެންނަމުންދާކަމަށް ވަކީލުންގެ ޓީމުން ވިދާޅުވިއެވެ.
މިކަމާގުޅޭގޮތުން ޕީއެންސީގެ ނައިބުރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާޢު ވިދާޅުވީ، މި މައްސަލަ މިހާހިސާބުން ނިންމައި ނުލާނެކަމަށާއި، މައްސަލާގައި އިތުރަށް ކުރިއަށްދާނެ ގޮތަކާގުޅޭގޮތުން ގޮތެއް ނިންމުމަށް އިދިކޮޅުގެ ލީޑަރޝިޕުން މިއަދު 13:00 ގައި ކުއްލި ބައްދަލުވުމެއް ބާއްވައި މައްސަލައާއިގެން ކުރިއަށް ދާނެ ގޮތެއް ހާމަކުރާނެކަމަށެވެ.
ކޮމެންޓު ފޮނުވާ