މިއަދު ޕޮޒިޓިވްވީ 51 މީހުން، ނުރައްކާ ކުޑައެއްނުވޭ!

މިއަދު ޕޮޒިޓިވްވީ 51 މީހުން، ނުރައްކާ ކުޑައެއްނުވޭ!

Author
މުޙައްމަދު ޖިމީ
17 ޖެނުއަރީ 2021 10:17
0

ކޯވިޑް-19އަށް އިތުރު 51 މީހުން ޕޮޒިޓިވްވެއްޖެއެވެ. ރޭ އިރުއޮއްސި ހަޔަކުން މިރޭގެ އިރުއޮއްސި ހައެއް ޖެހުމާއި ހަމައަށް ފާއިތުވި 24 ގަޑިއރުގެ ތެރޭގައި ޕޮޒިޓިވްވި  51 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 19 މީހުންނާއި، އަތޮޅުތަކުން ޕޮޒިޓިވްވި 3މީހުންނާއި ރިސޯޓްތަކުން ޕޮޒިޓިވްވި 28 މީހެއްގެ އިތުރުން ސަފާރީއަކުން ޕޮޒިޓިވްވި މީހެކެވެ.

މިއާއެކު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު ވަނީ 14،513 އަށް އަރާފައެވެ.

ފާއިތުވި24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީވެސް 51 މީހެވެ. ބަލިން އަލަށް ރަނގަޅުވި މީހުންނާއެކު މިހާތަނަށް 13،540 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. މިވަގުތު ބައްޔަށް ފަރުވާދެމުން އަންނަނީ 917 މީހަކަށެވެ. އޭގެތެރެއިން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 69 މީހަކަށެވެ.

ކޯވިޑް-19އަށް ޓެސްޓްކުރުމަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި3،003 ސާމްޕަލާއެކު މިހާތަނަށް މުޅި ރާއްޖެއިން ނެގި ސާމްޕަލް ތަކުގެ ޢަދަދު ވަނީ 364،325އަށް އަރާފައެވެ.

ކޯވިޑް-19ގެ ބަލިމަޑުގައި ރާއްޖެއިން މިހާތަނަށް 49 މީހަކު ވަނީ ނިޔާވެފައެވެ. އެއީ 41 ދިވެހިންނާއި 8 ބިދޭސީންނެވެ. އައު އަހަރާއެކު ރާއްޖޭގައި ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ބައެއް ރަށްތަކުންނާއި ބައެއް ރިސޯޓްތަކުން ކޭސްތައް އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.