ތަރުހީބު ނުލިބުމުން އިންތިޚާބަށް ވާދަކުރުމުގެ މުއްދަތު އަދާލަތުން އިތުރުކޮށްފި

ތަރުހީބު ނުލިބުމުން އިންތިޚާބަށް ވާދަކުރުމުގެ މުއްދަތު އަދާލަތުން އިތުރުކޮށްފި

Author
މުޙައްމަދު ޖިމީ
17 ޖެނުއަރީ 2021 03:11
0

އަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އެޕާޓީން އިތުރުކޮށްފިއެވެ.

ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމަށްފަހު އެޕާޓިން ނެރުނު ބަޔާނެއްގައި ވަނީ އެޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް ހޮވުމަށްޓަކައި 30 ޖަނަވަރީ 2021 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޢަދާލަތު ޕާޓީގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު މިމަހުގެ 19 ވާ އަންގާރަ ދުވަހުގެ 14:00 ގެ ނިޔަލަށް އިތުރުކޮށްފައިވާކަމަށެވެ. އެހެންކަމުން  އިންތިޚާބުގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދޭ ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުން 19 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ޢަދާލަތު ޕާޓީގެ މައި އޮފީހަށް ހުށައެލުމަށް ވަނީ އެދިފައެވެ.

އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވަނީ 13 ޖަނަވަރީ 2021 ވާ ބުދަ ދުވަހުގެ ނިޔަލަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރާ ބަލައިގަނެފައިވާ  ޕާޓީގެ ކޮންމެ މެންބަރަކަށެވެ. އިންތިޚާބާއި ގުޅޭގޮތުން ސާފުކުރަން އެދޭނަމަ މި ޕާޓީގެ މައި އިދާރާގެ ނަންބަރު 3342671 އަށް އެވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

– އަދާލަތުގެ ބަޔާނުގައިވެއެވެ.

އަދާލަތު ޕާޓީގެ ރައީސްކަމުގެ މަޤާމަށް އަންހެނުންނަށްވެސް ވާދަކުރެވޭ ގޮތް ހަދައި އިންތިޚާބަށް ކުރިމަތިލުމަށް އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އަދާލަތު ޕާޓީން ބުނީ ޕާޓީގެ 3 ވަނަ ދައުރަށް ޕާޓީގެ ރައީސާއި ނައިބު ރައީސް އިންތިހާބުކުރުން ފަސްކޮށްފައިވަނީ ޕާޓީގެ ރައީސްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ބަދަލު ގެނެސްފައިވާތީ ކަމަށެވެ. އަދާލަތު ޕާޓީގެ ރައީސްގެ މަޤާމަށް އަންހެނުންނަށް ކުރިމަތިލެވޭ ގޮތަށް އަސާސީ ޤަވާޢިދަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ.

މި އިޞްލާޙު ހުށަހެޅީ ޕާޓީ އިތުރަށް ހުޅުވާލައި އެންމެ އިސްސަފުގައި އަންހެނުންނަށް ޙަރަކާތްތެރިވުމުގެ ފުރުޞަތު އިތުރުކުރުމަށްކަމަށް އެ ޕާޓީގެ މިހާރުގެ ރައީސް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ. އަދި މި އިޞްލާޙު ހުށަހެޅީ ޕާޓީގެ އިސްސަފުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި ޕާޓީގައި ހިމެނޭ ދީނީ ޢިލްމުވެރިންގެވެސް މަޝްވަރާގެ މަތިންކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.