ރާއްޖޭގައި ޙަލާލު ފަތުރުވެރިކަން ތަޢާރަފުކުރުމަށް ވީއެމްސީން މަޝްވަރާ ފަށައިފި

ރާއްޖޭގައި ޙަލާލު ފަތުރުވެރިކަން ތަޢާރަފުކުރުމަށް ވީއެމްސީން މަޝްވަރާ ފަށައިފި

Author
އަހުމަދު
06 ސެޕްޓެމްބަރ 2026 08:33
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރުގެ ދަށުން، ދިވެހިރާއްޖޭގައި ޙަލާލު ފަތުރުވެރިކަން ތަޢާރަފުކޮށް ފުޅާކުރުމަށް ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އާއި އިސްލާމިކް ޗެމްބަރ އޮފް ކޮމަރސް އެންޑް ޑިވެލޮޕްމަންޓާ ދެމެދު ޚާއްޞަ މަޝްވަރާތަކެއް ފަށައިފިއެވެ.

ވީއެމްސީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ޔާސިރު އާއި އިސްލާމިކް ޗެމްބަރގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޔޫސުފް ޙަސަން ޚަލާވީ ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަލާލު ޓޫރިޒަމް ވަކި މާކެޓެއްގެ ގޮތުގައި ތަރައްޤީކުރެވިދާނެ ގޮތްތަކާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.

ޔާސިރު ވިދާޅުވީ، ދުނިޔޭގެ ފެންވަރުގައި މަތީ ފަންތީގެ ފަތުރުވެރިކަމަށް ރާއްޖެ މަޝްހޫރުވެފައި އޮތުމަކީ، ހަލުވިކަމާ އެކު ކުރިއަރަމުން އަންނަ ޙަލާލު ޓޫރިޒަމްގެ ބާޒާރަށް ވަނުމަށް ލިބިފައިވާ ރަނުގެ ފުރުޞަތެއް ކަމަށެވެ. މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ހޮޓާތަކާއި ރިސޯޓުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ފެށިފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޙަލާލު ޓޫރިޒަމްގެ ބައިނަލްއަޤްވާމީ އިވެންޓުތައް ބޭއްވުމުގެ ފުޅާ ތަޖުރިބާ ހުންނެވި ޝައިޚް ޚަލާވީ ވަނީ، ބޭރުގެ މާހިރުންގެ އެހީގައި ރާއްޖޭގައި މި ޚިދުމަތުގެ ފެންވަރު މަތިކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލުފުޅު ޙިއްޞާކުރައްވާފައެވެ.

މުސްލިމު ފަތުރުވެރިންގެ މެދުގައި މަތީ ފަންތީގެ ދަތުރުފަތުރަށް އޮތް ޑިމާންޑް އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި، ޙަލާލު ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤުތިޞާދަށް އިތުރު ކުރިއެރުމެއް ގެނުވާނެ ސިނާޢަތެއް ކަމުގައި ވީއެމްސީން ދެކެއެވެ. ކުރިއަށް އޮތްތަނުގައި ބައިނަލްއަޤްވާމީ ސެޓްފިކޭޝަންތަކާއި މިންގަނޑުތައް ދިރާސާކުރުމަށްފަހު، މި ދާއިރާ ހަރުދަނާކުރުމުގެ މަސައްކަތްތައް ހަލުވިކަމާ އެކު ކުރިއަށްގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.