ޕީއެންސީ އެންމެ ބޮޑު ޕާޓީއަށްވީ ރައްޔިތުންނާ އެކު މަސައްކަތްކުރާ ލީޑާޝިޕެއް އޮތުމުން: މުހައްމަދު އިސްމާއިލް

ޕީއެންސީ އެންމެ ބޮޑު ޕާޓީއަށްވީ ރައްޔިތުންނާ އެކު މަސައްކަތްކުރާ ލީޑާޝިޕެއް އޮތުމުން: މުހައްމަދު އިސްމާއިލް

Author
އަހުމަދު
06 ސެޕްޓެމްބަރ 2026 08:33
0

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ވެފައިވަނީ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް، ރައްޔިތުންނާ އެކު މަސައްކަތްކުރާ ލީޑާޝިޕެއް ޕާޓީގައި އޮތުމުން ކަމަށް، ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ، 77،000 މެމްބަރުންނާ އެކު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ އެންމެ ކުރީގައި ޕީއެންސީ ސާބިތުކަމާ އެކު އޮތުމުގެ ސިއްރަކީ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނަކީ ރައްޔިތުންނާ އެކު މަސައްކަތްކުރައްވާ ބޭފުޅުންނަށްވުން ކަމަށެވެ. މި ޖަލްސާގައި ޕާޓީގެ 77،000 މެމްބަރުން ހަމަވިކަން އިއުލާން ކުރެއްވީ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ.

ޕީއެންސީ އިދިކޮޅުގައި އޮތްއިރު ލީޑާޝިޕުން ތަޙައްމަލު ކުރެއްވި ދަތި ދުވަސްތަކުގެ ހަނދާން އާކުރައްވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ، މިއަދުވެސް އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ ސަރުކާރާއި ރައްޔިތުންނާ ދެމެދު ފަސާދަ އުފެއްދުމަށް ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންދަވަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެކު ގައުމުގެ ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވައި ދެއްވަމުން ކަމަށް އޭނާ ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން ފާހަގަކުރެއްވީ، ކުރީގެ ސަރުކާރުތަކަށް ހައްލު ނުހޯއްދެވުނު ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހިސާބުތަކުން ފެންނަ ފަދަ ހައްލެއް މި ސަރުކާރުން ހޯއްދަވަމުންދާ ކަމެވެ.

މުހައްމަދު އިސްމާއިލްގެ ވާހަކަ ނިންމަވާލެއްވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް މުއިއްޒަށް ކާމިޔާބުކޮށްދިނުމަށް ޕާޓީން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަލުއިކުރުމަށް ގޮވާލައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.