ޕީއެންސީ ރޫޅާލެވޭނެ އެއްވެސް ފަންޑިތައެއް ޔާމީނަކަށް ނޭނގޭނެ: އަދުރޭ

ޕީއެންސީ ރޫޅާލެވޭނެ އެއްވެސް ފަންޑިތައެއް ޔާމީނަކަށް ނޭނގޭނެ: އަދުރޭ

Author
އަހުމަދު
06 ސެޕްޓެމްބަރ 2026 08:35
0

ވެރިކަން ކުރާ ޕީއެންސީ ޕާޓީ ރޫޅާލެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކިތަންމެ މަސައްކަތެއް ކުރެއްވިޔަސް، އެކަން ކާމިޔާބުވާނެ އެއްވެސް "ފަންޑިތައެއް" އެމަނިކުފާނަށް ނޭނގޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޖަގަހަ ޖަލްސާއެއްގައި ރޭ ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަހަތްޕުޅުގައި ޕާޓީގެ ލީޑަޝިޕް ފުރިހަމަ އިހުލާސްތެރިކަމާއި ވަފާތެރިކަމާއެކު ސާބިތުވެ އޮތް ކަމަށާއި، ޔާމީނަށް އެ އެއްބައިވަންތަކަން ގުޑުވާނުލެއްވޭނެ ކަމަށެވެ.

ރައީސް ޔާމީނަށް ފާޑުވިދާޅުވަމުން އަދުރޭ ވިދާޅުވީ، ރައްޔިތުން އިންތިހާބުކޮށްފައި ހުންނެވި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގެ ކުރިއަށް އެ ލަގަބު ގެންނަވަން ޔާމީނަށް ނުކެރޭ ހިސާބަށް ދިޔުމުން، އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ހަސަދަވެރިކަން ހާމަވެގެންދާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ލަގަބަކީ ވަކި މީހަކަށް ހާއްސަ ނަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ޔާމީންގެ ވެރިކަން ނިމިގެންދިޔައީ ބޮޑާކަމާއި، ކިބުރުވެރިކަމާއި، ބަސްނޭހުމާއި، އަދުލު އިންސާފު ގާއިމުނުކުރުމާއި، ދައުލަތުގެ ބައިތުލްމާލަށް ހިޔާނާތްތެރިވުމުގެ ސަބަބުން ކަމަށްވެސް އަދުރޭ ސިފަކުރެއްވިއެވެ. މީގެއިތުރުން، މިހާރު ޔާމީންގެ ޕޯޑިއަމްތަކުގައި ފެންނަ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ވަޒީރު މަލީހް ޖަމާލަކީ އިހުލާސްތެރިކަމެއް ހުރި ބައެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ޕީއެންސީގެ ކުރިއެރުމާ ބެހޭގޮތުން ވާހަކަދައްކަވަމުން އަދުރޭ ފާހަގަކުރެއްވި ގޮތުގައި، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޕާޓީގައި ތިބީ އެންމެ 3،022 މެންބަރުން ކަމަށާއި، ނަމަވެސް ރައްޔިތުންގެ އަޑުއަހައި، ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރައްވަމުން ގެންދަވާތީ، މިއަދު އެ އަދަދު 77،000 އަށް އަރާފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.