"ފުދުންތެރި ދިވެހިރާއްޖެ" ޝިއާރާއެކު ޝާހިދު ވިދާޅުވަނީ މާލެއަށް ބަރޯސާވުން ނިމުމަކަށް ގެންނަވާނެ ކަމަށް

"ފުދުންތެރި ދިވެހިރާއްޖެ" ޝިއާރާއެކު ޝާހިދު ވިދާޅުވަނީ މާލެއަށް ބަރޯސާވުން ނިމުމަކަށް ގެންނަވާނެ ކަމަށް

Author
އަހުމަދު
05 ސެޕްޓެމްބަރ 2026 11:43
0

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު، "ފުދުންތެރި ދިވެހިރާއްޖެ" ޝިއާރުގެ ދަށުން ކެމްޕެއިން ކުޅުދުއްފުށި ސިޓީގައި ފައްޓަވައިފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުދުއްފުށި ސިޓީގައި ބޭއްވި "ޝާހިދު 2028″ ޖަލްސާގައި ޝާހިދު ވިދާޅުވީ، ދަރަނިވެރިވެ، ބޯހާސްވެ، ޖީބު ފޫގޮސް ނާއުއްމީދުވެފައިވާ ރައްޔިތުމީހާ އަމިއްލަ ފައިމައްޗަށް ތެދުވެވޭފަދަ ފުދުންތެރި ގައުމަކަށް ރާއްޖެ ބަދަލުކުރެއްވުމަކީ އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒުކަމަށެވެ.

ޒަމާނުއްސުރެ ރާއްޖޭގެ އުތުރާއި ދެކުނުގެ ބިތު، ހުރިހާ ކަމަކަށް މާލެއަށް ބަރޯސާވާން ޖެހިފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށާއި، އެ ދެ ސަރަހައްދު އަމިއްލަ ފައިމައްޗަށް ތެދުވެ ތަރައްގީވެވޭނެ ގޮތް ފަހިކޮށްދެއްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

މިހާރު ސަރުކާރުން އިހަވަންދިއްޕޮޅުގައި ފަށާފައިވާ ބަންކަރިންގެ ޚިދުމަތަށް ފާޑުވިދާޅުވަމުން ޝާހިދު ވިދާޅުވީ، ސަރުކާރުން ކުރަނީ ބަންކަރިންއެއް ނޫން ކަމަށާއި، ބައިނަލްއަގުވާމީ ފެންވަރުގެ އެ ސިނާއަތް، އޭގެ އަސްލު ސިފައިގައި އެމަނިކުފާނުގެ ވެރިކަމެއްގައި ތަރައްގީކޮށްދެއްވާނެ ކަމަށެވެ. ހަމައެއާއެކު ކުޅުދުއްފުށީ ޕޯޓަކީ އެ ސިޓީގެ ރައްޔިތުންނަށް އާމްދަނީ ލިބޭ، އިގުތިސާދީ ދޮރާއްޓަކަށް ހަދައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި އެވެ.

ސިއްހީ ދާއިރާއާ ބެހޭގޮތުން ޝާހިދު ވިދާޅުވީ، ޓަރޝިއަރީ ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތައް އަދި ހެލްތު ސެންޓަރުތައް މިނިމަމް ސްޓޭންޑަޑަށް ފެތޭކަން ކަށަވަރުކުރެވޭ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށެވެ. އަދި ޚާރިޖީ ދާއިރާގައި އެމަނިކުފާނު ހޯއްދަވާފައިވާ ތަޖުރިބާ އާއި ގުޅުންތަކުގެ ބޭނުން ހިއްޕަވައި، ބޭހަށާއި ކާޑަށާއި ތެލަށް ސަލާންޖަހަން ނުޖެހޭ ފުދުންތެރި ގައުމަކަށް ރާއްޖެ ހައްދަވާނެ ކަމަށް ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.