ތިލަފުށީ ބަނދަރު ބޭރު ބަޔަކަށް ދޭ ކަމަށް ޔާމީން ކުރެއްވި ތުހުމަތު ސައީދު ދޮގުކުރައްވައިފި

ތިލަފުށީ ބަނދަރު ބޭރު ބަޔަކަށް ދޭ ކަމަށް ޔާމީން ކުރެއްވި ތުހުމަތު ސައީދު ދޮގުކުރައްވައިފި

Author
އަހުމަދު
31 އޮގަސްޓް 2026 11:13
0

ތިލަފުށީގައި ތަރައްގީކުރާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރު ބޭރު ބަޔަކާ ހަވާލުކުރަން އުޅޭ ކަމަށް ދޭހަވާގޮތަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަތަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަރުގަދަ ރައްދެއް ދެއްވައިފި އެވެ.

ޕީއެންއެފުން ފުވައްމުލަކުގައި ރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ އިންޑިއާގެ ކުންފުންޏަކަށް ކަނޑުބަނދަރެއް ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް އެ އެއްބަސްވުމުގެ ތަފްސީލެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އޭގެ އިތުރުން، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ތެރެއިން އެމްޕީއެލްގައި ތިބި ދިވެހި މުވައްޒަފުންގެ ވަޒީފާތައް ގެއްލި، މުޅި ބަނދަރުގެ ބޭނުން ސަރުކާރުން ނައްތާލައިފި ކަމަށް ވެސް އެ މަނިކުފާނު ތުހުމަތުކުރެއްވި އެވެ. އަދި ތިލަފުށީ ބަނދަރުގެ ބޮޑެތި މަސައްކަތްތައް ނިންމައި، ރާއްޖެއިން އަމިއްލައަށް އެ މަޝްރޫއު ފުރިހަމަކުރެވޭ ހިސާބުގައި އޮއްވައި، ބޭރު ބަޔަކާ ހަވާލުކުރަން ސަރުކާރުން މަސައްކަތްކުރަނީ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

އެ ތުހުމަތުތަކަށް ރައްދު ދެއްވައި، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ ތިލަފުށީގައި ގާއިމުކުރާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރަކީ ދިވެހި ރައްޔިތުންގެ 100 ޕަސެންޓް މިލްކެއް ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ބަނދަރު ބިނާކޮށްދެއްވާނީ މި ގައުމުގެ އެންމެ އަގުހުރި އެއް ހަރުމުދަލުގެ ގޮތުގައި ދިވެހިންގެ ފުރިހަމަ މިލްކުވެރިކަން އޮތް ބަނދަރެއްގެ ގޮތުގައި ކަމަށެވެ. މުއިއްޒުގެ ފުރަތަމަ ދައުރުގައި ފަށައި ނިންމާނެ އެންމެ ބިޔަ މަޝްރޫއަކީ އެއީ ކަމަށާއި، ދިވެހިންނަށް އެންމެ މަންފާ ބޮޑު މަޝްރޫއަކަށް ވެސް އެ ބަނދަރު ވެގެންދާނެ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ބަނދަރާ މެދު "ރޯ ބުހުތާނު ދޮގު" ނުފެތުރުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއު މި އަހަރު ކުރީކޮޅު ފެށިއިރު، އޭގެ ބައެއް މަސައްކަތްތައް ހަވާލުކޮށްފައި ވަނީ ޗައިނާގެ ކުންފުންޏަކާ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.