ރައީސް މުޢިއްޒު ތިލަމާލެ ބްރިޖުމަތިން ހިންގަވާފައި ވިލިމާލެއަށް

ރައީސް މުޢިއްޒު ތިލަމާލެ ބްރިޖުމަތިން ހިންގަވާފައި ވިލިމާލެއަށް

Author
އަހުމަދު
30 އޮގަސްޓް 2026 07:32
0

ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު ނުވަތަ ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭ އެއްކޮށް ނިންމާލެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އިންޖިނިއަރުންގެ ދުވަހުގެ މުނާސަބަތުގައި ރައީސް މުޢިއްޒު ވަނީ ތިލަމާލެ ބްރިޖުގެ މާލެ އާއި ވިލިމާލެއާ ދެމެދު ގުޅާލެވިފައިވާ ސަރަޙައްދުން ހިންގަވާފައި، މާލެއިން ވިލިމާލެއަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުގައި އިންޑިއާ ސަފީރު ބާލަސުބްރަމާނިޔަމް އާއި ކެބިނެޓުގެ ބައެއް ވަޒީރުންނާއެކު، ގާތްގަނޑަކަށް 30 މިނެޓު ބްރިޖުމަތިން ހިންގަވާފައި އެ މަނިކުފާނު ވިލިމާލެއަށް ވަޑައިގެންނެވިއެވެ.

ބްރިޖުގެ މެދާ ހަމައިގައި ހުންނަވައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ތިލަމާލެ ބްރިޖަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގާތް ގުޅުން ރަމްޒުކޮށްދޭ މުހިއްމު އުމްރާނީ މަޝްރޫއެއް ކަމަށެވެ. މި މަޝްރޫއު މިހާ ހިސާބަށް ގެނެވުނީ އިންޑިއާގެ ބޮޑުވަޒީރާއި އެ ގައުމުގެ ސަރުކާރުން ދެއްވި ހާއްސަ އިސްކަމާއި، ދެ ފަރާތުގެ ޓީމުތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ބްރިޖުގެ މަސައްކަތް އެއްކޮށް ނިމުމުން މުޅި ގްރޭޓާ މާލެ ސަރަޙައްދުގެ ތަރައްގީއަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށާއި، ޚާއްޞަކޮށް އިންޑިއާއާ އެކު އޮންނަ ގުޅުން ރަމްޒުކޮށްދޭ މިފަދަ މަޝްރޫއުތަކަކީ ސަރުކާރުން ވަރަށް އިސްކަމެއް ދޭ މަޝްރޫއުތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ސަރުކާރާ ހަވާލުވި އިރު ބައެއް ބޮޑެތި މަޝްރޫއުތައް މަޑުޖެހިފައިހުރި ނަމަވެސް، މިހާރު އެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އިސްކަން ދެއްވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

އިންޑިއާ ސަފީރު ބާލަސުބްރަމާނިޔަމް ވިދާޅުވީ، މާލެ އާއި ވިލިމާލެ ގުޅާލެވި ބްރިޖުގެ ފުރަތަމަ ސެގްމެންޓު ނިމިގެންދިޔައީ ދިވެހި ސަރުކާރާއެކު ވަރަށް ގާތުން މަސައްކަތް ކުރެވިގެން ކަމަށެވެ. މިއީ އިންޑިއާއިން ބޭރުގައި، އިންޑިއާ ސަރުކާރުން ކުރިއަށް ގެންދާ މިފަދަ އެންމެ ބިޔަ އިންފްރާސްޓްރަކްޗާ މަޝްރޫއު ކަމަށާއި، މި ބްރިޖު ބޭނުންކުރަން ފެށޭއިރު ދިވެހި ރައްޔިތުންނަށް މިއީ އަގުހުރި އެސެޓަކަށް ވެގެންދާނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

500 މިލިއަން ޑޮލަރު (6.2 ބިލިއަން ރުފިޔާ) ގެ މި މަޝްރޫއަކީ، އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނު އެހީގައި، އިންޑިއާގެ އެފްކޮންސް ކުންފުނިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މީގެ ތެރެއިން 100 މިލިއަން ޑޮލަރު (1.55 ބިލިއަން ރުފިޔާ) އަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީއެވެ. ބްރިޖުގެ މަސައްކަތުގައި ތުރުކީ، ޖަރުމަން އަދި އޮސްޓްރޭލިއާގެ މާހިރުންވެސް ބައިވެރިވެއެވެ. މި މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ބްރިޖަކުން ގުޅާލެވިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.