ކުޑަކުދިންނަށް އިންޖިނިއަރިންގެ ދާއިރާ ތައާރަފުކޮށްދިނުމަށް އެމްއޭސީއެލްއިން ހަރަކާތެއް ބާއްވައިފި

ކުޑަކުދިންނަށް އިންޖިނިއަރިންގެ ދާއިރާ ތައާރަފުކޮށްދިނުމަށް އެމްއޭސީއެލްއިން ހަރަކާތެއް ބާއްވައިފި

Author
އަހުމަދު
30 އޮގަސްޓް 2026 04:34
0

ގައުމީ އިންޖިނިއަރުންގެ ދުވަހާ ގުޅުވައިގެން ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމުގައި ކުރާ ފަންނީ މަސައްކަތްތައް އާންމުންނަށް ދައްކާލައިފިއެވެ.

ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ކުރިއަށްދިޔަ މި ހަރަކާތުގައި، އެއާޕޯޓު ހިންގުމުގައި ހަރަކާތްތެރިވާ މައިގަނޑު ހަތް ދާއިރާއެއްގެ މަސައްކަތްތައް ވަނީ ދައްކާލައިފައެވެ. އޭގެ ތެރޭގައި ވޯޓާ އެންޑް ސެވެރޭޖް ސާވިސަސް، މެކޭނިކަލް ސާވިސަސް، ހީޓް ވެންޓިލޭޝަން އެންޑް އެއާ ކޮންޑިޝަނިންގ، ފިއުލް ސާވިސަސް، އައިޓީ، އޭރޯ ޑްރޯމް ގްރައުންޑް އެއިޑްސް، އަދި ޕަވާ ޖެނެރޭޝަން އެންޑް ޑިސްޓްރިބިއުޝަން ހިމެނެއެވެ.

އެމްއޭސީއެލްއިން ބުނިގޮތުގައި މި ހަރަކާތުގެ މަގްސަދަކީ ގައުމުގެ ކުރިއެރުމުގައި އިންޖިނިއަރިން ދާއިރާގެ މުހިންމުކަން ކުޑަކުދިންނަށް އޮޅުންފިލުވައިދީ، ފަންނީ މަސައްކަތްތަކަށް އެކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމެވެ. މި ފުރުސަތުގައި އެ ކުންފުނީގެ އިންޖިނިއަރުންގެ އަމަލީ ތަޖުރިބާ ކުދިންނާ ހިއްސާކޮށް، އޭވިއޭޝަން ދާއިރާއިން ފަހިވެފައިވާ ފުރުސަތުތަކުގެ މައުލޫމާތު ވެސް ވަނީ ފޯރުކޮށްދީފައެވެ.

އެމްއޭސީއެލްއިން ފާހަގަކުރި ގޮތުގައި، މިފަދަ ހަރަކާތްތަކުގެ ޒަރިއްޔާއިން އޭވިއޭޝަން ދާއިރާއަށް ޝައުޤުވެރިވާ ގާބިލު ޒުވާން ޖީލެއް ބިނާކުރުމަކީ އެ ކުންފުނިން އަބަދުވެސް އިސްކަންދޭ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.