މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 10.4 އިންސައްތަ އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިނިސްޓްރީގެ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓު ދައްކާ ގޮތުން، މިދިޔަ 20 އޯގަސްޓްގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 27.61 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 25.00 ބިލިއަން ރުފިޔާއެވެ.
އޭގެ ތެރެއިން ޓެކްސް އާމްދަނީގެ ގޮތުގައި 21.48 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 12.1 އިންސައްތައިގެ ކުރިއެރުމެކެވެ. ދައުލަތުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީ އިތުރުވުމެވެ. މި އަހަރުގެ މިހާތަނަށް ޓީޖީއެސްޓީގެ ގޮތުގައި 7.39 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 7.4 އިންސައްތައިގެ (512.1 މިލިއަން ރުފިޔާ) އިތުރުވުމެކެވެ.
މީގެ އިތުރުން، ވިޔަފާރިއާއި މުދަލުން ނަގާ ޓެކުހުގެ އާމްދަނީ 20.5 އިންސައްތަ އިތުރުވެ 5.55 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 2.86 ބިލިއަން ރުފިޔާ (7.1 އިންސައްތައިގެ ކުރިއެރުމަކާއެކު) ލިބިފައިވާއިރު، ނޮން-ރެޒިޑެންޓް ވިތުހޯލްޑިންގް ޓެކްސްގެ ގޮތުގައި 924.5 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އާމްދަނީ އިތުރުވަމުން އަންނައިރު، ކައުންސިލްތަކާއި އާންމު ޚިދުމަތްތަކާއި އުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކަށް ދައުލަތުން ކުރާ ހޭދަވެސް އަންނަނީ އިތުރުވަމުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ކޮމެންޓު ފޮނުވާ