މި އަހަރުގެ އޮގަސްޓް 20 ގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ޖުމްލަ 27.61 ބިލިއަން ރުފިޔާ ލިބިއްޖެ ކަމަށް ފިނޭންސް މިނިސްޓްރީގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކައިފި އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.4 ޕަސެންޓް އިތުރު އަދަދެކެވެ.
ޖުމްލަ ޓެކްސް އާމްދަނީ 21.48 ބިލިއަން ރުފިޔާއަށް އަރައި 12.1 ޕަސެންޓް ކުރިއެރުމެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ޓީޖީއެސްޓީ އިން 7.39 ބިލިއަން ރުފިޔާ (7.4 ޕަސެންޓް އިތުރު) އަދި ވިޔަފާރި ޓެކުހުން 5.55 ބިލިއަން ރުފިޔާ (20.5 ޕަސެންޓް އިތުރު) ލިބުމުންނެވެ. ހަމައެއާއެކު، އިމްޕޯޓް ޑިއުޓީ 16.6 ޕަސެންޓް، ޖީއެސްޓީ 10.8 ޕަސެންޓް، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ 15.2 ޕަސެންޓް އަދި ގްރީން ޓެކްސް 6.2 ޕަސެންޓް ވަނީ އިތުރުވެފައެވެ. ހިލޭ އެހީގެ އަދަދު ދެ ގުނަޔަށްވުރެ އިތުރުވެ 455.7 މިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
ނަމަވެސް، ދައުލަތުގެ ހަރަދު 19.3 ޕަސެންޓް އިތުރުވެ 28.74 ބިލިއަން ރުފިޔާއަށް އަރައި، މިއީ ލިބުނު އާމްދަނީއަށްވުރެ ބޮޑު އަދަދެކެވެ. މީގެ ތެރެއިން ރިކަރަންޓް ހަރަދަށް 25.00 ބިލިއަން ރުފިޔާ (20.8 ޕަސެންޓް އިތުރު) ހޭދަކޮށްފައިވާއިރު، ސަބްސިޑީއަށް ކުރި ހަރަދު 76.3 ޕަސެންޓް އިތުރުވެ 3.54 ބިލިއަނަށް، ކައުންސިލްތަކުގެ ގްރާންޓް 15.8 ޕަސެންޓް އިތުރުވެ 1.66 ބިލިއަނަށް، އަދި މުސާރައާއި އިނާޔަތްތަކުގެ ހަރަދު 11.1 ޕަސެންޓް އިތުރުވެ 9.39 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. ކެޕިޓަލް ހަރަދުގެ ގޮތުގައި 3.75 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، މަގާއި ބްރިޖާއި އެއާޕޯޓް މަޝްރޫއުތަކަށް ކުރި ހޭދަ 32.1 ޕަސެންޓް ދަށްވެ 961.3 މިލިއަން ރުފިޔާއަށް ވަނީ މަދުވެފައެވެ.
ކޮމެންޓު ފޮނުވާ