އުމުރުން ތިން އަހަރުގެ ދަރިފުޅަށް ޖިންސީ ގޯނާކޮށް، އެ މަންޒަރު ވީޑިއޯކުރި ކަމުގެ ތުހުމަތުގައި ބައްޕައަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ސައުތު ސެންޓްރަލް ޕޮލިސްގެ އިޚްތިޞާޞްގައި ހިމެނޭ ރަށެއްގައި ހިނގި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، މިދިޔަ އޯގަސްޓް 28 ވަނަ ދުވަހުއެވެ.
ހަމަ އެ ދުވަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކުޑަކުއްޖަކާ ގުޅުންހުރި މައްސަލައަކަށްވުމުން ފުލުހުން މިކަމުގެ އިތުރު ތަފްޞީލެއް ނުދެއްވައެވެ. ނަމަވެސް "ސައުވީސް" އަށް އެނގިފައިވާ ގޮތުގައި، ހައްޔަރުކޮށްފައިވަނީ ކުއްޖާގެ ބައްޕައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ