ރ. މަޑުއްވަރީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ ކަމުގެ ތުހުމަތުގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހަތް މީހަކު ހައްޔަރުކޮށް، އޭގެ ތެރެއިން ދެ މީހެއްގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.
ޑްރަގް އެންފޯސްމަންޓާއި، މަޑުއްވަރީ ފުލުހުންނާއި، ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ ހުކުރު ދުވަހު ހިންގި މި އޮޕަރޭޝަނުގައި، މަޑުއްވަރީގެ ހަތް ގެއެއް ބަލައި ފާސްކޮށްފައިވެ އެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ހަތް މީހުންގެ ތެރެއިން ފަސް މީހަކު ފަހުން ދޫކޮށްލާފައިވާއިރު، މި މައްސަލައާ ގުޅިގެން 53.05 ގުރާމުގެ މަސްތުވާތަކެތި ފުލުހުންނަށް ފެނިފައިވެ އެވެ.
ބަންދުގައި ބައިތިއްބާފައި ވަނީ ބޮންތި / ރ. މަޑުއްވަރީ، މުޙައްމަދު މުޢިއްޒު (27އ) އާއި ތުނޑި / ރ. މަޑުއްވަރީ، އާދަމް ޢާސިމް (29އ) އެވެ. ކޯޓުން ވަނީ މުޢިއްޒުގެ ބަންދަށް 10 ދުވަސް، އަދި ޢާސިމްގެ ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ޖަހައިފަ އެވެ.
މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް މައުލޫމާތު ލިބެ އެވެ.
ކޮމެންޓު ފޮނުވާ