ދައުލަތުގެ އާމްދަނީ 10.4 އިންސައްތަ އިތުރުވެއްޖެ

ދައުލަތުގެ އާމްދަނީ 10.4 އިންސައްތަ އިތުރުވެއްޖެ

Author
އަހުމަދު
20 އޮގަސްޓް 2026 07:43
0

މި އަހަރުގެ އޮގަސްޓު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށާއި، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.4 އިންސައްތައިގެ ކުރިއެރުމެއް ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

މާލީ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓު ދައްކާ ގޮތުގައި، މިއީ 2025 ވަނަ އަހަރުގެ މި މުއްދަތުގައި ލިބުނު 24.6 ބިލިއަން ރުފިޔާއަށްވުރެ 2.6 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އާމްދަނީ އިތުރުވުމުގެ އެންމެ ބޮޑު ސަބަބަކީ ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީއެވެ. މި ޓެކުހުގެ ގޮތުގައި 7.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ 6.6 އިންސައްތައިގެ ކުރިއެރުމެކެވެ.

ދައުލަތުގެ އާމްދަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ޓެކްސް އާމްދަނީއެވެ. ޓެކުހުގެ ގޮތުގައި 21.1 ބިލިއަން ރުފިޔާ ލިބުނު އިރު، މިއީ 11.9 އިންސައްތައިގެ އިތުރުވުމެކެވެ. ވިޔަފާރި ފައިދާއިން ނަގާ ޓެކްސް 20.6 އިންސައްތަ، އިމްޕޯޓް ޑިއުޓީ 16.4 އިންސައްތަ، އަދި އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސް 14.3 އިންސައްތަ އިތުރުވެފައިވެއެވެ. ހަމައެއާއެކު ހިލޭ އެހީގެ ގޮތުގައި ލިބުނު މިންވަރު 242.1 މިލިއަން ރުފިޔާއިން 460.4 މިލިއަން ރުފިޔާއަށް ނުވަތަ 90.1 އިންސައްތަ މަތިވެފައިވެއެވެ.

ނަމަވެސް ދައުލަތުގެ ހަރަދު ވެސް ވަނީ އެއަށްވުރެ ބާރު ދުވެލީގައި އިތުރުވެފައެވެ. ޖުމްލަ ހަރަދުގެ ގޮތުގައި 28.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 19.3 އިންސައްތައިގެ އިތުރުވުމެކެވެ. ރިކަރަންޓް ހަރަދު 24.5 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ތަރައްގީގެ މަޝްރޫއުތަކަށް 3.6 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.