"ފްރެންޑް 4″ ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި އުޅެނިކޮށް ގެއްލުނު ފުލުހުންގެ ސާޖަންޓް ޢަލީ ނާފިޢުގެ މައިންބަފައިންނާ، ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު ޢަލީ އިޙްސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.
ފުލުހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ ސާޖަންޓް ނާފިޢުގެ މައިންބަފައިން ދިރިއުޅޭ ރަށް، ނ. މަނަދޫއަށް މިނިސްޓަރާއި ސީޕީ ވަޑައިގެންނެވެ. އެ ބައްދަލުކުރެއްވުމުގައި މިނިސްޓަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން އާއިލާއަށް ޚާއްސަ މެސެޖެއް ރައްދުކޮށްދެއްވައި، އޮފިސަރު ދެއްކެވި ގައުމީ ހިތްވަރު ފާހަގަކުރައްވާފައެވެ. އަދި ގެއްލުނު ފަރާތްތައް ހޯދުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ސަރުކާރުން ގާތުން ބައްލަވަމުން ގެންދަވާ ކަމުގެ ޔަގީންކަން ދެއްވިއެވެ.
ސީޕީ އަޙްމަދު މުޙައްމަދު ވަނީ ނާފިޢުގެ ޚިދުމަތުގެ ރޫހަށް ތައުރީފުކުރައްވައި، ހާލުގައި ޖެހިފައިވާ ބަޔަކަށް އެހީވުމަށް ނުކުމެ އޭނާ ދެއްކެވި ހިތްވަރަކީ ފުލުހުން އުފުލާ ބުރަ މަސްއޫލިއްޔަތު ރަމްޒުކޮށްދޭ ކަމެއް ކަމުގައި ވިދާޅުވެފައެވެ. މީގެއިތުރުން، މުޅި ފުލުހުންގެ މުއައްސަސާ އަބަދުވެސް ސާބިތުކަމާއެކު އާއިލާއާއެކު ދެމިއޮންނާނެ ކަމުގެ ޔަގީންކަން ސީޕީ ދެއްވިއެވެ. މި މަހުގެ 12 ވަނަ ދުވަހު މިނިސްޓަރާއި ސީޕީ ވަނީ ނާފިޢުގެ އަންހެނުންނާއި ދަރިފުޅާ ވެސް ބައްދަލުކުރައްވާފައެވެ.
ތިލަފުށިން މުދާ ބަރުކޮށްގެން ހުވަދު އަތޮޅަށް ދަތުރުކުރި "ފްރެންޑް 4″ ދޯނި މި މަހުގެ ދެވަނަ ދުވަހު އަޑިއަށްދާން ފެށުމުން، ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ހިންގި ސަލާމަތީ އޮޕަރޭޝަނުގައި ދޯނީގައި ތިބި އަށް މީހުންގެ ތެރެއިން ހަތް މީހުން ސަލާމަތްކުރެވުނެވެ. ގެއްލިފައިވަނީ ދޯނީގެ ކެޕްޓަން ތ. މަޑިފުށި، ދޮންވެލި، މުޙައްމަދު ޙަމްދޫނާއި، ސާޖަންޓް ޢަލީ ނާފިޢުގެ އިތުރުން އެމްއެންޑީއެފްގެ ސްޓާފް ސާޖަންޓް އިބްރާހީމް އަޙްމަދެވެ. އެ ފަރާތްތައް ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާއިރު، އެ މީހުން ފެނުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ