ފުނަދޫގެ އަލިފާނުގެ ހާދިސާ: ސަބަބު ހޯދަން ފުލުހުންގެ ހާއްސަ ޓީމެއް ރަށަށް

ފުނަދޫގެ އަލިފާނުގެ ހާދިސާ: ސަބަބު ހޯދަން ފުލުހުންގެ ހާއްސަ ޓީމެއް ރަށަށް

Author
އަހުމަދު
26 އޮކްޓޯބަރ 2026 08:29
0

 

ށ. ފުނަދޫގައި އިއްޔެ ހިނގި ބޮޑު އަލިފާނުގެ ހާދިސާ ހިނގި ސަބަބު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް މިއަދު އެރަށަށް ފޮނުވަނީ އެވެ. ފުލުހުން ބުނީ، ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށް ތަހުގީގު ފަށާފައިވާ ކަމަށާއި، ސީން ޕްރޮސެސްކުރުމުގައި ވެސް އެ ޓީމު އެހީތެރިވާނެ ކަމަށެވެ.

އަލިފާން ރޯވީ ރަށުގައި ހުރި ހަމައެކަނި ޕެޓްރޯލް ޝެޑު ކަމަށްވާ، އަމިއްލަ ފަރާތަކުން ހިންގާ "ފަތްމިނި" ޕެޓްރޯލް ޝެޑުގަ އެވެ. ހެނދުނު 8:30 ހާއިރު ރޯވި އަލިފާން ފުރިހަމައަށް ކޮންޓްރޯލް ކުރެވުނީ މެންދުރު 12 ޖެހި ހިސާބުންނެވެ. އޭގެ ކުރިން އަލިފާން ފެތުރި، ގެއަކާއި ސައިކަލާއި އިންޖީނު މަރާމާތުކުރާ ގަރާޖަކާއި ގުދަނަކާއި ވެހިކަލް ޕާކުކުރާ ކުޑަ ގަރާޖެއް ބޭނުންކުރެވޭ ނުވަރަށް އަނދައިފި އެވެ.

ހާދިސާގައި 18 މީހަކަށް ސިއްހީ އެހީ ފޯރުކޮށްދިން އެވެ. ދުމުގެ އަސަރު ކުރުމުން ފަޔާފައިޓަރަކާއި ހޮސްޕިޓަލުގެ މުވައްޒަފަކަށް ފަރުވާ ދިން އިރު، ބާކީ 16 މީހުންނަކީ މުދާ ސަލާމަތްކުރަން މަސައްކަތްކުރަމުން އަނިޔާވި މީހުންނާއި ހާސްވުމުގެ ސަބަބުން ފަރުވާ ބޭނުންވި މީހުންނެވެ.

ގެއްލުންވި ގޭގައި ދިރިއުޅޭ 11 މީހުންނަށް ފަސް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމް އެންޑީއެމްއޭއިން ހަމަޖައްސައިދީފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.