އެމެރިކާގެ ގައުމީ ދަރަނި ބުދަ ދުވަހު ތާރީޚީ ރެކޯޑެއް ކަމަށްވާ 40 ޓްރިލިއަން ޑޮލަރަށް އަރައިފިއެވެ.
ދިފާއީ ހަރަދުތަކާއި، ސޯޝަލް ސެކިއުރިޓީ އަދި މެޑިކެއާ ފަދަ އިޖުތިމާއީ ޕްރޮގްރާމްތަކުގެ ހަރަދު އިތުރުވުމުގެ އިތުރުން، ބޮޑުވަމުންދާ ޑެފިސިޓަށް ދައްކަންޖެހޭ އިންޓަރެސްޓް މައްޗަށް ދިއުމަކީ މި ދަރަނި މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބުތަކެވެ.
ދަރަނި 40 ޓްރިލިއަން ޑޮލަރަށް އަރާފައި މިވަނީ، މިދިޔަ މާޗު މަހު 39 ޓްރިލިއަން ޑޮލަރަށް އެރިތާ އެންމެ ފަސް މަހެއްހާ ދުވަހުގެ ތެރޭގައެވެ. އޭގެ ފަސް މަސް ކުރިން ކަމަށްވާ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދަރަނި ހުރީ 38 ޓްރިލިއަން ޑޮލަރުގައެވެ.
ދަރަނި މިހާ ބޮޑަށް އިތުރުވަމުންދާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ދިފާއީ ހަރަދުތައް އިތުރުކުރުމާއެކު، ތެލާއި ކާބޯތަކެތީގެ އަގު ދަށްކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ކުޝް ދެސާއީ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އިސްރާފާއި ކޮރަޕްޝަން ނައްތާލައި، އިގްތިސާދު ހަލުވިކޮށް، ދަރަންޏާއި ޖީޑީޕީގެ ނިސްބަތް ރަނގަޅު މިސްރާބަކަށް ގެންދިއުން ކަމަށެވެ. ނަމަވެސް އިގްތިސާދީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، ދަރަނި ބޮޑުވުމުގެ ސަބަބުން ލޯނުތަކުގެ އިންޓަރެސްޓް ރޭޓް މަތިވެ، ވިޔަފާރިތަކުގެ އިންވެސްޓްމަންޓަށް ހުރަސް އެޅި، މުދަލާއި ޚިދުމަތުގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.
ބައިޕާޓިސަން ޕޮލިސީ ސެންޓަރުގެ ރައީސް މާގްރެޓް ސްޕެލިންގްސް ވިދާޅުވީ، ދަރަނި މިހާރު ދާ މިސްރާބަކީ ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށާއި، މީގެ ސަބަބުން އެމެރިކާ ރައްޔިތުންގެ ދިރިއުޅުމުގެ އަގު ބޮޑުވެ، އިގްތިސާދީ ކުރިއެރުމަށް ބޮޑު ނުރައްކަލެއް ކުރިމަތިވާނެ ކަމަށެވެ.
"މިހާރު ދަރަނި ދާ މިސްރާބަކީ ދެމެހެއްޓެނިވި ގޮތެއް ނޫން. މިއީ އެމެރިކާ ރައްޔިތުންގެ ދިރިއުޅުމުގެ އަގު ބޮޑުކޮށް، އިގްތިސާދީ ކުރިއެރުމަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ ކަމެއް،" އޭނާ ވިދާޅުވިއެވެ.
އަންދާޒާކުރެވޭ ގޮތުގައި، 2027 ވަނަ އަހަރުގެ ކުރީކޮޅާއި މެދާ ދެމެދު، އެމެރިކާގެ ދަރަނި ގާނޫނީ ލިމިޓް ކަމަށްވާ 41.1 ޓްރިލިއަން ޑޮލަރަށް އަރާނެއެވެ.
އޯގަނައިޒޭޝަން ފޯ އިކޮނޮމިކް ކޯ-އޮޕަރޭޝަން އެންޑް ޑިވެލޮޕްމަންޓް (އޯއީސީޑީ) ގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ތަރައްގީވެފައިވާ ގައުމުތަކުގެ ތެރެއިން މާލީ ގޮތުން އެންމެ ދަށު ދަރަޖައިގައި މިހާރު އޮތީ އެމެރިކާއެވެ.
ކޮމެންޓު ފޮނުވާ