ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރިއާ ބެހޭ ގަވައިދާ ހިލާފުވެގެން، އެކްސްޕްރެސް މަނީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑްގެ ލައިސެންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިއްޔެ ބާތިލުކޮށްފި އެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލި، އެކަން މައިތިރި ކުރުމަށް ސަރުކާރުން ގާނޫނަށް ހަރުކަށި ބަދަލުތަކެއް ގެންނަން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި މި ފިޔަވަޅު އަޅާފައި މިވަނީ، މަނީ އެކްސްޗޭންޖިން ވިޔަފާރިތައް ސުޕަވައިޒް ކުރުމުގެ ތެރެއިން އެ ކުންފުނިން ގަވައިދާ ހިލާފުވެފައިވާކަން ފާހަގަވުމާ ގުޅިގެން ކަމަށް އެމްއެމްއޭން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް، އެކްސްޕްރެސް މަނީ އެކްސްޗޭންޖުން ކުރީ ކޮން އަމަލެއް ކަމެއް އެ ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ.
"ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ފަރާތްތަކުން ވެސް އަމަލު ކުރުމަށް،" އެމްއެމްއޭން އިލްތިމާސް ކުރި އެވެ. އަދި ގަވައިދާ ހިލާފުވާ ފަރާތްތަކާ މެދު ކުރިއަށް އޮތް ތަނުގައި ވެސް ފިޔަވަޅު އަޅަމުން ދާނެ ކަމުގެ ކަށަވަރުކަން އެ އޮތޯރިޓީން ދިނެވެ.
ކޮމެންޓު ފޮނުވާ