މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ހދ. ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން، އެ ސިޓީގައި ކުރިއަށްދާ މަޝްރޫއުތައް ބައްލަވާލައްވައި، ފެނާއި ނަރުދަމާގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.
ކުޅުދުއްފުށި އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ދާއޫދު ވެސް ބައިވެރިވެލެއްވި މި ދަތުރުގައި، އެމްޑީ ފަހުމީ ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލާ ބައްދަލުކުރައްވައި، ކުރިއަށްދާ މަޝްރޫއުތަކާއި، ރައްޔިތުންނަށް އިސްކަންދީގެން ފޯރުކޮށްދޭންޖެހޭ ހިދުމަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން، ކުޅުދުއްފުށީގައި މަސައްކަތްކުރާ އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، ހިދުމަތްދިނުމުގައި އިސްކަންދޭންވީ ކަންކަމާ ގުޅޭގޮތުން ވެސް ފަހުމީ ވަނީ ވާހަކަދައްކަވާފައެވެ. މި ޒިޔާރަތުގެ މައިގަނޑު މަގްސަދަކީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ފޯރުކޮށްދޭ ފެނާއި ނަރުދަމާގެ ހިދުމަތް މިހާރަށްވުރެ ބޮޑަށް ފުޅާކުރެވޭނެ ގޮތްތައް ދެނެގަތުން ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޮމެންޓު ފޮނުވާ