ވިލިމާލޭގައި 112 އެނދުގެ އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފެށުމަށްޓަކައި، ވިލިމާލެ ހޮސްޕިޓަލްގެ ހިދުމަތްތައް މިއަދު ވަގުތީ ގޮތުން އަމާން ހިޔާ އިމާރާތަށް ބަދަލުކޮށްފިއެވެ.
ޗައިނާ ސަރުކާރުގެ އެހީގައި އާ ހޮސްޕިޓަލް އަޅަނީ މިހާރު ހޮސްޕިޓަލް ހިންގާ ބިމުގައެވެ. އެހެންކަމުން، އާ އިމާރާތުގެ މަސައްކަތް ނިމެންދެން ހިދުމަތްތައް ފޯރުކޮށްދޭނީ ކުރިން ކުޑަކުދިންގެ ހިޔާގެ ގޮތުގައި ބޭނުންކުރި އިމާރާތުންނެވެ.
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ހަލީމް ކުރިން ވިދާޅުވެފައިވަނީ، ބޭނުންވާ ބަދަލުތައް ގެނައުމަށްފަހު ބަދަލުކުރާ ތަނުގައި ވެސް މިހާރު ލިބޭ ހިދުމަތްތައް ލިބޭނެ ކަމަށެވެ.
އާ ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް އަދި ކުއްލި ފަރުވާގެ ހިދުމަތާއި، ބަލި ދެނެގަތުމާއި ފަރުވާދިނުމަށް ހާއްސަ ސަރަހައްދުތަކާއި، މެޑިކަލް ވޯޑުތަކާއި އިދާރީ އޮފީސްތައް ހުންނާނެއެވެ. ޓާޝަރީ ފެންވަރުގެ ހިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ވެސް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދޭނެއެވެ.
ތިލަމާލެ ބްރިޖް ނިމި އެ ސަރަހައްދުގައި މީހުން އާބާދުވާން ފަށާއިރަށް ސިއްހީ ދާއިރާ ތަރައްގީކުރުމުގެ ގޮތުން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނީ ކޮންޓްރެކްޓަރަކު ކަނޑައެޅުމަށްފަހުއެވެ.
ކޮމެންޓު ފޮނުވާ