ހުޅުމާލޭ މެކޭނިކަލް ޕާކިންގެ ކޭބަލްތައް ބުރިކޮށް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ މެކޭނިކަލް ޕާކިންގެ ކޭބަލްތައް ބުރިކޮށް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
20 އޮގަސްޓް 2026 07:41
0

ހުޅުމާލޭ މެކޭނިކަލް ޕާކިންގެ ކޭބަލްތަކެއް ބުރިކޮށްގެން ވަގަށް ގެންދަން އުޅުނު މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ނެރުނު ބަންދު އަމުރުގައިވާ ގޮތުން، މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ރ. އިނގުރައިދޫ / ކެތި، އަހުމަދު ހުސެއިން މަނިކު (42އ) އެވެ. އޭނާ 15 ދުވަހަށް ބަންދުކުރުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނިގޮތުގައި، ކޭބަލްތައް ބުރިކޮށްގެން ވަގަށް ގެންދަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން އެ ސަރަހައްދަށް ގޮސް ކެމެރާތައް ބަލައި ހޯދަމުން ދަނިކޮށް، ކައިރީގައި އޮތް ހުސް ބިމެއްގައި ފިލައި އޮއްވައި އޭނާ ފެނުނީއެވެ. ފުލުހުން ގޮސް މެކޭނިކަލް ޕާކިން ބެލިއިރު ކޭބަލްތައް ބުރިކޮށްފައި ހުރި ކަން ފާހަގަކުރެވުނު ކަމަށް ފުލުހުން ބުނެއެވެ.

އަހުމަދު ހުސެއިން މަނިކު ވަނީ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. ނަމަވެސް ކޯޓުން ބުނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމަކީ، މިދިޔަ މާޗު މަހު ވެސް ހުޅުމާލޭ ފްލެޓެއްގެ ޓެރެސް އިން ކޮޕާ ފަތިތަކެއް ވަގަށް ނަގަން އުޅުނު މައްސަލައެއްގައި އޭނާ ހައްޔަރުކޮށްފައި ވާ ކަމެވެ. އޭރު ނެރުނު ބަންދު އަމުރުގައި، އޭނާ އަކީ ހެރޮއިން ބޭނުންކުރާ މީހެއް ކަމަށް ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.